ސަރުކާރުގެ ހާއްސަ ހުއްދައަކާ އެކުގައި ނޫނީ، ކައުންސިލްތަކުން ރާއްޖެއިން ބޭރުގެ ޑިޕްލޮމެޓުންނާއި ޖަމައާތްތަކާ ބައްދަލުކުރުން މަނާކުރި ސާކިއުލަރ ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން އުވާލައިފި އެވެ.
އެލްޖީއޭއިން ކައުންސިލްތަކުގެ ރައީސުންނަށް ބުދަ ދުވަހު ފޮނުވި ސިޓީއެއްގައިވާ ގޮތުގައި، ސަރުކާރާއެކު ހިންގާ ކަންތައްތަކުގައި ކުރިން ހުއްދަ ހޯދުމަކާނުލައި ބޭރުގެ ފަރާތްތަކާ ބައްދަލުކުރުން އެންމެ ރަނގަޅެވެ. އެހެންނަމަވެސް، ބޭރުގެ ފަރާތްތަކާ ބައްދަލުކުރާތާ ތިން ދުވަހުގެ ތެރޭގައި ބައްދަލުވުމުގެ މައުލޫމާތާއި ޔައުމިއްޔާ ހޯމް މިނިސްޓްރީއަށާއި އެކަމަކާ ގުޅުންހުރި މިނިސްޓްރީއަކަށް ފޮނުވަން ޖެހޭނެ ކަމަށް އެލްޖީއޭގެ ސިޓީގައިވެއެވެ.
އެލްޖީއޭއިން ކައުންސިލްތަކުގެ ރައީސުންނަށް މިފަދަ ސިޓީއެއް ފޮނުވާފައި މިވަނީ، ބޭރުގެ ފަރާތްތަކާ ބައްދަލުކުރެވޭނީ ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް މިމަހުގެ 11 ވަނަ ދުވަހު އެ އޮތޯރިޓީއިން ކަނޑައަޅާފައިވަނިކޮށެވެ.
އެ އޮތޯރިޓީ އިން ނެރުނު ސާކިއުލަރއެއްގައިވާ ގޮތުން، ލޯކަލް ކައުންސިލުތަކަކީ ސަރުކާރުގެ ޚިދުމަތުގެ ފަށަލައަކަށްވީ ހިނދު ކައުންސިލުގެ އަމަލުތަކާއި ކުރާ މުއާމަލާތްތައް ރައްދުވާ ފަރާތަކީ ދިވެހި ސަރުކާރެވެ. ބޭރުގެ އެކި އެކި ފަރާތްތަކާއި ލޯކަލް ކައުންސިލުތަކުން މުއާމަލާތުކޮށް ބައްދަލުވުންތައް ބާއްވާނަމަ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ދިވެހިރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތުތަކަށް ބުރޫ އަރައި ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކަށް ފުށޫއަރާ ގޮތްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސާކިއުލާގައިވެއެވެ.
އެހެންކަމުން، ލޯކަލް ކައުންސިލުތަކުން ބޭރުގެ އެކިއެކި ފަރާތްތަކާއި ބައްދަލުކުރަންވާނީ އެލްޖީއޭ އަށް ލިޔުމަކުން ހުށަހެޅުމަށް ފަހު އެ އޮތޯރިޓީ އިން ހޯމް މިނިސްޓްރީއަށް ހުށަހަޅައިގެން އެ މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށް ސާރކިއުލާގައިވެއެވެ. އަދި މި ގޮތަށް އެލްޖީއޭ އިން އަމަލުކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން އަންގާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެލްޖީއޭއިން އެފަދަ ސާކިއުލާއެއް ނެރެފައިވަނީ، ގއ. އަތޮޅު ކައުންސިލާއި އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ބައްދަލުކުރެއްވި ފަހުންނެވެ. އެއާއެކު އެލްޖީއޭއިން ވަނީ، ގއ. އަތޮޅު ކައުންސިލް ތިން މަސް ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.
އެލްޖީއޭގެ އެ ނިންމުމަށް، އެކިގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންގެ ފާޑުކިޔުން އަމާޒުވެގެންދިޔަ އެވެ. މީގެއިތުރުން، އިދިކޮޅު ސިޔާސީ ޕާޓީތަކުންވެސް ސަރުކާރުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ބޭރުގެ ފަރާތްތަކުން ސިފަކުރި ގޮތުގައި އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް އެޅުނު ހުރަކެވެ. އަދި އެއީ ހިތާމަވެރި ނިންމުމެއް ކަމަށް ސަފީރުން ވިދާޅުވެފައިވެއެވެ.