ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މާލެއިން ގެއެއް ބައްލަވައިގެންނެވި މައްސަލަ އެންޓި ކޮރަަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށްފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މުހައްމާ މާލެއިން ގެއެއް ބައްލަވައިގެންނެވި މައްސަލައިގެ ތަހުގީގަށް އެތައް ފަހަރެއްގެ މަތިން އޭނާ އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
އެ ގެ ބައްލަވައިގަތުމަށް ފުރަތަމަ ޑައުން ޕޭމަންޓުގެ ގޮތުގައި މުހައްމާ ދެއްކެވީ ނުވަ ލައްކަ ރުފިޔާ އެވެ. އޭސީސީއިން ސުވާލުކޮށްފައިވަނީ އެ ފައިސާ ހޯދި ގޮތަކާއި، ހޯދި ތަނަކާ ގުޅޭ ގޮތުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގުކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލައާ ގުޅިގެން މުހައްމާގެ މައްޗަށް ދައުވާކުރަން ފޮނުވާނެތޯ ނުވަތަ ނުފޮނުވާނެތޯއާ ގުޅޭގޮތުން މައުލޫމާތެއް ނުދެއްވަ އެވެ.
އޮފިޝަލް ވިދާޅުވީ މިއަހަރުގެ ފަހު ކުއާޓަރުގެ މައްސަލަތައް އާންމުކުރާއިރު، މުހައްމާގެ މައްސަލައާ ގުޅޭ މައުލޫމާތުވެސް ހާމަކުރާނެ ކަމަށެވެ.
މުހައްމާ މާލެއިން ގެއެއް ބައްލަވައިގެންނެވި މައްސަލައިގެ އިތުރުން، އޭޓީއެމް މެދުވެރިކޮށް އަމިއްލަ އެކައުންޓަށް ދެލައްކަ ރުފިޔާ ޖަމާކުރި މައްސަލަވެސް އޭސީސީއިން ތަހުގީގުކުރި އެވެ. އެ މައްސަލައާ ގުޅޭ ގޮތުން ނިންމި ގޮތެއްވެސް ކޮމިޝަނުން ހާމައެއް ނުކުރިއެވެ.
މުހައްމާގެ މިފަދަ މައްސަލަތަކެއް އޭސީސީއިން ތަހުގީގުކޮށްފައިމިވަނީ، ޕީޕީއެމްއިން ވަކިވެވަޑައިގެން އިދިކޮޅު ފަރާތްތަކާއެކު މުހައްމާ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މުހައްމާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށްވެސް ކަނޑައަޅާފައެވެ.