ނޯތް ހާބަރު ކައިިރީގައި ކޮނެފައި ހުރި ވަޅުގަނޑަކަށް، ސައިކަލާއެކު ދެ މީހަކު ވެއްޓިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު 9:15 ހާއިރު، މާލޭ ނޯތް ހާބަރު ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ވެއްޓުނީ، ހޮޅިތަކެއް ވަޅުލުމަށް އެ ސަރަހައްދުގައި ކޮނެފައިވާ ވަޅުގަނޑަކަށެވެ.
ގާތްގަނޑަކަށް ހަތަރު ފޫޓު ފުންމިނުގެ އެ ވަޅުގަނޑަށް ވެއްޓުނީ އަންހެނަކު ދުއްވަން އިން ސައިކަލެކެވެ. އެ އަންހެން މީހާއާއި ސައިކަލު ފަހަތުގައި އިން ފިރިހެން މީހާވެސް ވަޅުގަނޑުގެ ތެރެއަށް ވެއްޓުނެވެ.
ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން މީހާއަށްވެސް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެހެން ނަމަވެސް، ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިފަދަ ހާދިސާއެއް ހިނގިކަން މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ ވަޅުގަނޑުގެ ކައިރީގައި ބޯޑެއް ބަހައްޓާފައި ހުރި ކަމަށެވެ.