ގދ. މަޑަވެލީގައި ފުލުހުންގެ ހިދުމަތް ދިނުމަށް ހުރަސްތަކެއް ކުރިމަތި ވުމާއި ގުޅިގެން، އެރަށުގައި ފުލުހުންގެ ހިދުމަތް ދިނުން މެދުކަނޑާލަން ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ އަތޮޅުތަކުގައި ފުލުހުންގެ ހިދްމަތް ފުޅާކުރުމުގައި މިހާރު އަމަލުކުރާ ސިޔާސަތުގެ ދަށުން ފުލުހުންގެ ހިދުމަތް ފޯރުކޮށް ދިނުމުގައި އިސްކަން ދެނީ ކައުންސިލްތަކާއި ގުޅިގެން "ކޮސްޓް ޝެއަރިންގ ބޭސިސް" އެއްގައި ހިދުމަތް ދިނުމަށް ކަމަށެވެ. މަޑަވެލީގައި ފުލުހުންގެ ހިދުމަތް މެދުކަނޑާލަނީ އެ ސިޔާސަތުގެ ދަށުން ފުލުހުންގެ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި އެރަށުގައި ގާއިމުވެ ތިބުމަށް މަޑަވެލި ކައުންސިލާއި ފުލުހުންކުރި މަޝްވަރާއިން އެފަދަ އެއްބަސްވުމަކަށް ނާދެވުމުން ކަމަށް ފުލުހުން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި މަޑަވެލީގެ ފުލުހުންގެ ޕޯސްޓް ހިންގަމުން އައީ އެ ރަށު ކައުންސިލުން ކުލި ދައްކަމުން ދިޔަ އަމިއްލަ މީހެއްގެ ގެއެއްގަ އެވެ. ނަމަވެސް އެ ގެއަށް ކުލި ދެެއްކޭނެ ފައިސާ މަޑަވެލީ ކައުންސިލް އިދާރާގައި ނެތުމުން ގޭގެ ވެރިފަރާތުން މިހާރު ވަނީ އެ ގެ ހުސްކުރަން އަންގާފަ އެވެ.
ބޮޑެތި އާބާދީތައް ހިމެނޭ ރަށްތަކުގައި ފުލުހުންގެ މަރުކަޒުތައް ހަދައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް އާބާދީ މަދު ރަށްތަކުގައި ފުލުހުންގެ ހިދުމަތް ދެނީ ފުލުހުންގެ ފޯސްޓެއް ގާއިމުކޮށް، ކައުންސިލްތަކުން ވެސް ހަރަދު ކުރާ ގޮތަށެވެ.
ފުލުހުން ބުނީ ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކައުންސިލްތަކުގެ އިސްނެގުމާއި އެހީތެރިކަން ވަރަށް މުހިއްމު ކަމަށެވެ.