ދިވެހިރާއްޖޭގައި އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހުގައި ކުރި އިއުލާނުގައި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ތާރީހެއްގެ ގޮތުގައި 31 ޑިސެމްބަރުވާ އާދިއްތަ ދުވަސް ކަނޑައަޅައިފައިވީ ނަމަވެސް އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އެހެން ކަމުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީހެއްގެ ގޮތުގައި 4 ޖެނުއަރީ ކަނޑައަޅައިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އަންނަ ހަފްތާގެ އާދިއްތަ ދުވަސް ބަންދުކުރުމާއެކު ސަރުކާރު މުވައްޒަފުންނަށް ޖެހިޖެހިގެން ހަތަރު ދުވަސް ބަންދު ދުވަހުގެ ގޮތުގައި ލިބިގެންދާނެއެވެ.