ޖުމްލަ 30 މީހުންނާއެކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ބުދަ ދުވަހުގެ ރޭ 12 ޖެހިހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޯޑްރަން އަށް ލިބުމާއެކު އެ އޭރިއާގެ ލޭންޑިން ކްރާފްޓް ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ.
ހއ.ދޮނަކުޅި ކައިރިއަށް އިންޖީނު ހުއްޓިފައިވަނީ ހއ.އިހަވަންދޫ އިން އުތީމަށް ދަތުރުކުރި ހއ.ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގެ "މޫނާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. ދޯނިން ދަތުރުކުރީ 15 އަންހެނުންނާއި، ފަސް ކުޑަކުދިން އަދި 10 ފިރިހެނުންނެވެ.
ދޯނީގެ އިންޖީނު ހުއްޓުމާ ގުޅިގެން، މި އެންމެން އެމްއެންޑީއެފްގެ އުޅަނދުގައި ހއ.އުތީމަށް ވަނީ ގެންގޮސްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، ދޯނި ރިސޯޓަށް ގެންދިޔުމުގެ މަސައްކަތް އެ ރިސޯޓުގެ ފަރާތުން ކުރަމުންދާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.