ކޮންމެ ފަސިންޖަރަކަށް 100 ރުފިޔާ ދިނުމަށްފަހު މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްކުރިކަމުގެ މައުލޫމާތު ރާއްޖެއެމްވީ އަށް ލިބިއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިލޭކުރަމުން ގޮސް އެންމެ ފަހުން ދަތުރު ކެންސަލްކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ މާލެއިން ފުވައްމުލަކަށް ދަތުރުކުރަން އޮތް ފްލައިޓެވެ. މި ފްލައިޓް ކެންސަލްކުރަންޖެހުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ދަންވަރު 12:00 އަށް ބަންދުކުރަން ޖެހޭތީއެވެ.
ދަތުރު ކެންސަލްކުރުމާ ގުޅިގެން ކޮންމެ ފަސެންޖަރަކަށް 100 ރުފިޔާ ދިން ކަމަށް ވެސް ވަނީ އެނގިފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފްލައިޓް ކެންސަލްވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައެއް ފަސިންޖަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މި ފްލައިޓުން ފުވައްމުލަކަށް ދިއުމަށް ތިބި ފަސިންޖަރުންގެ ތެރޭގައި އިންޑިއާ އާއި ބައެއް އެހެން ގައުމުތަކުން އައިސް ތިބި މީހުން ވެސް ހިމެނެ އެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަންގެ ބަހެއް އަދި ނުލިބެއެވެ.