ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއި، ބިޔަރު ދަޅުތަކެއް އަނބުރާ ހަވާލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުދަ ދުވަހު ކުރި އަމުރުގައި ބުނެފައިވަނީ، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބަނގުރާ ގެންގުޅުނީ ގަވައިދާ ހިލާފަށް ކަމަށް ފުލުހުން ބުނި ނަމަވެސް، ސަފާރީގެ ވެރިމީހާ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއްކޮށް ސުވާލުކޮށްފައި ނުވާތީ އެތަކެތި އޭނާއާ ހަވާލުކުރުމަށެވެ. ކްރިމިނަލް ކޯޓުން މިގޮތަށް އަމުރު ނެރުނީ ބަނގުރާ ފުޅިތަކާއި، ބިޔަރު ދަޅުތައް ހޯދަން ސަފާރީގެ ވެރިމީހާ ހުށަހެޅުމުންނެވެ.
ފުލުހުން މިމައްސަލައިގައި ވެސް އަމަލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ މައްސަލަތަކުގައި މީގެ ކުރިން ވެސް އަމަލުކޮށްފައިވާ ރަނގަޅު ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ހުޅުމާލޭ ފަޅުގައި އޮތް ފެރީއަކުން ފުލުހުން ބަނގުރަލާއި ބިޔަރުތައް އަތުލައިގަނެފައިވަނީ ޑިސެމްބަރު 21 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ ސަފާރީގައި މަސައްކަތްކުރާ ބިދޭސީއަކު ބަނގުރާ ހިފައިގެން މާލެދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ބަންގްލަދޭޝްގެ ތިން ފިރިހެނުންނާއި ދިވެއްސަކު ހައްޔަރުކޮށްފަ އެވެ. އެއީ، އުމުރުން 46 މީހަކާއި 27 މީހެއް އަދި 22 އަހަރުގެ މީހުންނެވެ. ހައްޔަރު ކުރި ދިވެހި މީހާގެ އުމުރަކީ 29 އަހަރެވެ.
މި ހަތަރު މީހުންގެ ތެރެއިން 46 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ޑިސެމްބަރު 21 ވަނަ ދުވަހުގެ ވަގުތެއްގައި އަލޯރާ ފިހާރަ ކައިރިންނެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހުގެ ތެރެއިން ބަނގުރާ 7 ފުޅި ފެނިފައިވެއެވެ. އަދި 27 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާ އާއި 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ސަފާރީންނެވެ.