އަންހެނުން ނުކުމެ އިހްތިޖާޖުކުރުމާ ގުޅިގެން މާބައިދޫ އަންހެންގެ ކޮމެޓީއަށް އެރަށުގެ ކައުންސިލުން ދޭންޖެހޭ 80،000 ރުފިޔާ އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ދޭނެ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
މާބައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ފާތިމަތު އަޒުމާ ވިދާޅުވީ ގިނަ އަދަދެއްގެ އަންހެނުން ނުކުމެ މާބައިދޫ ކައުންސިލް ކުރިމަތީގައި އިޙްތިޖާޖް ކުރަން ޖެހުނީ ކައުންސިލުން ކަނޑައަޅާފައިވާ ރަށުގެ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ އަގުގެ ގޮތުގައި ދޭންޖެހޭ ފައިސާ ނުލިބިގެން ކަމަށެވެ.
އަޒުމާ ވިދާޅުވީ ރަށުގެ ސަރަހައްދުތައް ސާފްކޮށް ބެލުހެއްޓުމަށް އެކޮމެޓީގެ 40 އަންހެނުން ހަރަކާތެރިވާ ކަމަށާއި ނަމަވެސް ނިމިގެން ދިޔަ ހަތަރު މަހު ކައުންސިލުން ދޭން ޖެހޭ ފައިސާ އެ ކޮމެޓީއަށް ދީފައި ނުވާ ކަމަށެވެ.
ކައުންސިލްގެ ރައީސް އަލީ ފައިސަލް ވިދާޅުވީ އަންހެނުންގެ ކޮމެޓީއަށް 80،000 ރުފިޔާ ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މިހާރުން މިހާރަށް އެ ފައިސީ ދޫކުރެވުން ނެތީ 2017 ވަނަ އަހަރުގެ ބަޖެޓު ހިފަހައްޓާފައިވާތީ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު އެ ކައުންސިލްގެ ބަޖެޓު ފައިނަލް ކުރުމަށް ފަހު އެ ފައިސާ ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.