ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮންނަ ގުޅުން ބަދަހިވަމުންދާ މިދަނޑިވަޅުގައި، ރާއްޖޭގެ މައްސަލައިގައި އިންޑިއާގެ ޤާނޫން ހަދާ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއެއްގައި މަޝްވަރާކޮށްފިއެވެ.
އިންޑިއާގެ 'ދަ ހިންދޫ' ނޫހުގައި ބުނެފައިވާ ގޮތުގައި މިމައްސަލައިގައި ޤާނޫން ހަދާ މަޖިލީހުގެ ކޮންސަލްޓޭޓިވް ކޮމިޓީ އޮފް ޕާލަމެންޓް އޮން އެކްސްޓަރނަލް އެފެއަރޒްގެ ބައްދަލުވުމެއްގައި މިމަހުގެ 21ވަނަ ދުވަހު މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން "ދިއްލީގެ މަހާރަނި ބާގް ވަރުގެ ކުޑަ ކުޑަ ދިވެހިރާއްޖޭގެ މައްސަލަ އިންޑިއާއަށް ހައްލު ނުވެގެން އުޅެނީ ކީއްވެ"ތޯ އެއް މެމްބަރަކު ސުވާލުކުރައްވާފައިވެއެވެ. ދަ ހިންދޫ ނޫސް ބުނާ ގޮތުގައި މި ބައްދަލުވުމުގައި ރާއްޖެ – ޗައިނާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ އިދިކޮޅު ކޮންގްރެސް ޕާޓީއާއި އެޕާޓީއާއި ގުޅިފައިވާ ޕާޓީތަކުންނެވެ.
އެހެންނަމަވެސް ދެޤައުމުގެ ގުޅުން އަދިވެސް ރަނގަޅުކަމަށް ވެރިކަންކުރާ ބީޖޭޕީއިން ދަނީ ބުނަމުންނެވެ. އަދި ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން މިއަހަހަރުވެސް ރަނގަޅުވެފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މިބައްދަލުވުމުގައި ރާއްޖެއާއި ޗައިނާގެ ގުޅުމުގެ އިތުރުން ޗައިނާއާއި ގުޅުން ބަދަހިކުރަމުންދާ އެހެން ޤައުމުތަކާއި އިންޑިއާއާއި އޮންނަ ގުޅުމާއި ބެހޭ ގޮތުންވެސް މަޝްވަރާތަކެއް ކުރެވުނުކަމަށް ރިޕޯޓްތައް ބުނެއެވެ.