ބޭރުގެ ފަރާތްތަކާ މަޝްވަރާކުރަން ނުޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވަނިކޮށް، މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް އެމަނިކުފާނަށް އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ގޮވާލައިފިއެވެ.
ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ރާއްޖޭގެ ސިޔާސީ މަޝްރަހާބެހޭ ގޮތުން އިދިކޮޅު ފަރާތްތަކާއި މަޝްވަރާ ކުރެއްވުމުގައި ސަރުކާރުން މިހާތަނަށް އެއްވެސް އިހުލާސްތެރިކަމެއް ނެތްކަމަށެވެ.
"އެހެންވީމާ މިގޮތް ދޫކޮށްލައްވަން އަޅުގަނޑު ރައީސް ޔާމީނަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިލްތިމާސް ކުރަން"، އިމްތިޔާޒު ވިދާޅުވިއެވެ.
މަޝްވަރާކުރުމަކީ އިސްރާފެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން އިންތި ވިދާޅުވީ މަޝްވަރާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ ވަގުތު ނަގައިލުމެއް ނޫން ކަމަށެވެ. އަދި ދައުލަތް ބިނާވާން ޖެހޭނީ މަޝްވަރާގެ މައްޗަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތްކުރައްވައި އިންތި ވިދާޅުވީ ރައީސް ޔާމީން އެއްރަށުގައި ދައްކަވާ ވާހަކަ އާއި އަނެއް ރަށުގައި ދައްކަވާ ވާހަކަ ދިމާނުވާކަމަށެވެ. އަދި ރަށްރަށަށް ވަޑައިގެންވެސް ސްކޫލް ކުދިން ނެރެ އަވީގައި ބޭއްތިއްބުމަށް ފަހު، ރަށުގެ ގޮނޑު ދޮށުގައި ފައިބީއްސަވާލައްވާފައި ވަޑައިގަންނަވަނީކަމަށާއި، ރަށު ތެރެއަށް ވަޑައިގެން، ރައްޔިތުންގެ ޙާލު ބައްލަވައި، ރަށުގެ ކަންތައްތައް ބައްލަވާނުލައްވާކަމަށް އިންތި ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރުންނަށް ފާޑުވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އިންތި ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ސިޔާސީ ފިކުރު ތަފާތުވިޔަސް 2018ގެ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިކުރުމަކީ އެންމެންގެ މަގުސަދު ކަމަށެވެ. އިދިކޮޅުގައި މިހާރު ތިއްބެވި ގިނަ ލީޑަރުންނަކީ މި ސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި، އެ ބޭފުޅުން އިދިކޮޅު ހަރަކާތާއި ގުޅިވަޑައިގަތީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ކަމަށް އިންތި ވިދާޅުވިއެވެ.
"މި ރާއްޖޭގެ ޑިމޮކްރަސީ ސަލާމަތް ކުރުމުގެ މަސައްކަތް މިކުރަނީ. އިރާދަ ކުރެއްވިއްޔާ މި މަންޒިލަށް ވާސިލްވާނަން. އަޅުގަނޑުމެން ހަމަ ގުޅިގެން އަދި ކަމަރު ބަނދެވިގެން ތިބެގެން ގޮސް، ދެން އަންނަ ރިޔާސީ އިންތިޚާބަކުން އަބްދުﷲ ޔާމީން ބަލިކުރާނެ"، އިންތި ވިދާޅުވިއެވެ.