ރައީސް އަބްދުﷲ ޔާމީން ވަޑައިގެން ބ އަތޮޅު ތުޅާދޫ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހު ވަޑައިގެންނެވިފަހުން އެއް ދުވަސް ނުވަނީސް އަނެއްކާ ވެސް ބަނދަރުގެ މަސައްކަތް ފަށައިފިއެވެ.
ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ވިދާޅުވީ "މިއަދު ވެސް ބަނދަރުގެ މަސައްކަތް ކުރިއަށް އެބަދޭ. ހުރަސްތޮށީގެ މަސައްކަތް ކުރިއަށްދާއިރު، ބަނދަރުތެރެއިން ވެލި ނެގުމާއި، ނެރުން ވެލި ނެގުމުގެ މަސައްކަތް އަދި އޮތީ ނުކޮށް. އެއީވެސް ޕްރޮޖެކްޓްގެ ބައެއް"ކަމަށެވެ.
މުޅި ބަނދަރަކީ މިހާރުގެ ސަރުކާރުން ހެދި ބަނދަރެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެބަނދަރުގެ އެއްގަމު ތޮއްޓަކީ ރައީސް ނަޝީދުގެ ސަރުކާރުން ލައިދިން ތޮއްޓެއް ކަމަށް ޒާއިދު ވިދާޅުވިއެވެ.
ތުޅާދޫ ބަނދަރު ހުޅުވައިދެއްވިފަހުން އަނެއްކާ ވެސް ބަނދަރުގެ މަސައްކަތް އެމްޓީސީސީއިން ކުރަމުންދާއިރު، ރަށު ކައުންސިލުން ވަނީ ބަނދަރުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހައުސިންގ މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އެކަމަށް ފިޔަވަޅު އަޅާފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބަނދަރުގެ ނެރު ފައިކަށި ކައިރީގައި ފިނޮޅުތަކެއް އުފެދި، ނެރު ކައިރި ތިލަވުމާއި، ހުޅަނގު ފަރާތު ހުރަސް ތޮށިގަނޑުގައި ކަނޑާފައިވާ ތަން ބޮޑުވުމުގެ ސަބަބުން ބަނދަރުގެ އެތެރޭގައި އޮޑި ދޯނި އެޅުމަށް ބައެއް ފަހަރު އުނދަގޫވާނެކަން ކައުންސިލުން ފާހަގަކުރެއެވެ.
މީގެ އިތުރުން ތުޅާދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް އެދަތުރުގައި ރައީސް ފާހަގަކުރައްވައި، އެމައްސަލަ ހައްލުވީ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ހިމާޔަތްކޮށްފައިވަނީ އެންމެ ބޮޑަށް ގިރަމުންދާ ސަރަހައްދު ނޫންކަމަށް ވެސް ޒާއިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެންމެ ކުރީއްސުރެ ހިމާޔަތް ކޮށްދިނުމަށް ސަރުކާރުގައި ދަންނަވަމުން އައި ސަރަހައްދު އަދިވެސް އޮތީ އޮތް ގޮތަށް ކަމަށާއި، އެސަރަހައްދު ވަރަށް ބޮޑަށް ގިރައިގެން ދިޔުމުގެ ސަބަބުން، އެސަރަހައްދުގައި ހަދާފައި ހުރި ބައެއް ހިޔާތައް ވެސް ވެއްޓިފައިވާ ކަމަށެވެ.