އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންޑިއާއަށް ބަދު ބަސް ނުބުނުމަށް އެދިވަޑައިގަތްނަމަވެސް، އަދި ރާއްޖެއިން ގެންގުޅެނީ އިންޑިއާއަށް އިސްކަން ދިނުމުގެ ސިޔާސަތުކަމަށް ވިދާޅުވިނަމަވެސް، އެއީ މާނައެއް ނެތް ހުސް ވާހަކަތަކެއްކަމެއް އިންޑިއާގެ މުހައްލިލުން ބުނެފިއެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން ގޯސްވެފައިވާއިރު، މި ގުޅުން ގޯސްވެފައި ވަނީ ރާއްޖެއިން ޒަމާނުއް ސުރެ އަމަލުކުރަމުން އައި 'އިންޑިއާ ފަސްޓް ޕޮލިސީ'އަށް އަމަލުކުރުން ހުއްޓާލައި، ޗައިނާއަށް އިސްކަން ދިނުމުން ކަމަށް ޚާރިޖީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅުން ވިދާޅުވެއެވެ. އިންޑިއާ ކަނޑުގައި ބާރުގަދަވުމަށް ޗައިނާ އާއި އިންޑިއާއިންވެސް މަސައްކަތްކުރަމުން އަންނަ މިދަނޑިވަޅުގައި، ރާއްޖެ ވެފައިވަނީ ދެޤައުމުގެވެސް އަމާޒަކަށެވެ. ޗައިނާ ސަރުކާރާއިއެކު ރާއްޖެއިން ގުޅުން ބަދަހިކުރި ނަމަވެސް، ރާއްޖެއިން ބުނަމުން ދަނީ އިންޑިއާ އާއިއެކު އޮންނަ ގުޅުމަށް ބުރޫ ނާރާ ކަމަށެވެ. އިންޑިއާގެ ޚާރިޖިއްޔާއިން ވެސް ކޮންމެ ހަފްތާއަކު އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ބުނަމުން ދަނީ ދެޤައުމުގެ ގުޅުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އެވާހަކަތައް ޤަބޫލެއް ނުކުރެއެވެ.
ބްލޫމްބާގްއިން އިންޑިއާގައި ހިންގާ ދަ ކުއިންޓް ނޫހުގައި ލިޔުއްވަމުން އިންޑިއާގެ ސްޓްރެޓީޖިކް އެނަލިސްޓް ރަޖީވް ޝަރްމާ ވިދާޅުވީ ބޭރުގެ ފަރާތްތަކޭ ވިދާޅުވެ ރައީސް ޔާމީން މިހަފްތާގައި އުތުރުގެ އަތޮޅުތަކުގައި އެދެއްކެވި ވާހަކަފުޅުތަކަކީ އިންޑިއާއަށް އަމާޒުކޮށް ދެއްވި ބަހުގެ ޙަމަލާތަކެއް ކަމަށެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކަށް އަމާޒުކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. އަދި އިންޑިއާއާއި ގާތްގުޅުމެއް ބޭއްވި ކުރީގެ ސަރުކާރުތަކަށް ރައީސް ޔާމީން ފާޑުވިދާޅުވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.