އެންވަޔަރަމެންޓް މިނިސްޓްރީގެ ޕިކަޕަކުން ޖެހި އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު ކުޑަ ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވުމާއި ގުޅިގެން އެ އާއިލާއަށް ތައުޒިޔާގެ މެސެޖު ފޮނުވަން ނުޖެހޭ ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން މިނިސްޓްރީއަށް ލަފާދީފައިވާކަން ރާއްޖެ އެމްވީއަށް އެނގިއްޖެ އެވެ.
އަންގާރަ ދުވަހުގެ ހެނދުނު ސައިކަލަކާއި ޕިކަޕެއް ޖެހި އަނިޔާ ލިބުނު 13 އަހަރުގެ ފިރިހެން ކުއްޖާ މަރުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން ދަނިކޮށެވެ.
ރާއްޖެ.އެމްވީއަށް އެނގިފައިވާ ގޮތުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ޕިކަޕުން ޖެހި އެކްސިޑެންޓް ހިނގައި ކުއްޖާ މަރުވުމާއި ގުޅިގެން އެ ކުއްޖާގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުވުމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ބޭފުޅުން މަޝްވަރާ ކުރެއްވިކަން ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ. އަދި އެކަމުގައި ބަންޑާރަ ނައިބް އޮފީހުގެ ލަފާ ހޯދަން ހުށަހެޅީ މިނިސްޓްރީގެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންނެވެ. މިކަމުގައި ބަންޑާރަ ނައިބުގެ އޮފީހުން ލަފާ ދެއްވީ، ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، މަރުވި ކުއްޖާގެ އާއިލާއަށް ތައުޒިޔާގެ މެސެޖު ފޮނުވަން ނުޖެހޭނެ ކަމަށެވެ.
މިކަން އެންވަޔަރަމެންޓް މިނިސްޓްރީން ދޮގުކުރެ އެވެ. ނަމަވެސް އެ މިނިސްޓްރީން ތައުޒިޔާގެ މެސެޖެއް ނުނެރެ އެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ.
ދެހާސް ފަނަރަ ވަނަ އަހަރު، ހައުސިން މިނިސްޓްރީން ޖަހާފައި ހުރި ހޮޅިދަނޑިއެއް ވެއްޓި އަންހެން ކުއްޖެއް މަރުވުމާ ގުޅިގެން އެކަމާ ހިތާމަކުރާ ކަމަށް ބުނެ އެ މިނިސްޓްރީން ބަޔާން ނެރެފައިވެ އެވެ.