ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު, ކޯޓުތަކުގެ ހުރުމަތް ކަނޑުއްވާލައްވާފައިވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސިފައިންގެ ވަޒީފާއިން 2013 ވަނަ އަހަރު ވަކިކޮށްފައިވާ ސާޖެންޓް މޭޖަރ ނައުޝާދު އަލީއަށް އަނބުރާ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރު އެޓޭޗް ކުރައްވާ ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯހުން 2014 ވަނަ އަހަރުން ފެށިގެން އެހުކުމަށް ތަބާނުވުމަކީ ލަދުގަންނަން ޖެހޭކަމެއް ކަމަށެވެ. އަދި ކޯޓުތަކުން ޑިފެންސް ފޯހަށް ގާނޫނުގެ ތެރެއިން ބާރު ނުހިންގޭ ކަމަށާއި އާދަމް ޝަރީފު ވަނީ ކޯޓުތަކުގެ ހުރުމަތް ކަނޑާލާފައިކަމަށް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ.
Its a shame that @MNDF_Official is in contempt of court since 2014. Courts have not been able to punish them according to law. @Adamshareefz vanee sharu'ee court ge hurumaiy kandaalaafa. pic.twitter.com/MW0wgPolkC
— Husnu Al Suood (@hsuood) December 19, 2017
ސިވިލް ކޯޓުން ނައުޝާދަށް ވަޒީފާ ދިނުމަށް ތިން ވަނަ ފަހަރަށް ހުކުމް ކޮށްފައިވަނީ އަންގާރަ ދުވަހުގައެވެ. އެހުކުމުގައި ވަނީ ނައުޝާދު އަލީއަށް 45 ދުވަސް ތެރޭ އަނބުރާ ވަޒީފާ ދިނުމަށާއި އެގޮތަށް އަމަލު ނުކޮށްފި ނަމަ ކޯޓުން އިސްވެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެ މައްސަލާގައި ނައުޝާދަށް އެންމެ ފުރަތަމަ ވަޒީފާ ދިނުމަށް ހުކުމް ކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. އެ ފަހަރު 30 ދުވަހުގެ ތެރޭގައި ނައުޝާދަށް ވަޒީފާ ދިނުމަށް ހުކުމް ކޮށްފައި ވީނަމަވެސް އަނބުރާ ވަޒީފާ ދީފައެއް ނުވެއެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގައި ވެސް ވަނީ ނައުޝާދަށް 15 ދުވަހުގެ ތެރޭގައި އަނބުރާ ވަޒީފާ ދިނުމަށް އެމްއެންޑީއެފްގެ މައްޗަށް އަމުރު ކޮށްފައެވެ. އެފަހަރުވެސް ނައުޝާދަށް އަނބުރާ ވަޒީފާ ދީފައެއް ނުވެއެވެ.