ވިލާ ކޮލެޖުން ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ވިލާ ކޮލެޖުގެ ފަރާތުން ބުނީ ޖެނުއަރީ މަހުގައި ފަށާ ކޯސްތަކުގެ މުއްދަތު އިތުރުކޮށްފައި ވަނީ އެ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އަދި ޖެނުއަރީ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ވަނީ ސެޓްފިކެޓް ލެވެލް އާއި ފައުންޑޭޝަންގެ ކޯސްތަކަށް ކުރިމަތިލުމަށް ކަމަށް އެ ފަރާތުން ބުނެއެވެ.
ވިލާ ކޮލެޖުގެ ފަރާތުން މި އަހަރު ވަނީ އާ ކޯސްތަކެއް ވެސް ތައާރަފުކޮށްފައެވެ. އެއީ ސެޓްފިކެޓް ލެވެލް ތިން ކަސްޓަމަރ ކެއަރ ކޯހާއި، އެޑްވާންސް ސެޓްފިކެޓް ޓުއަރިޒަމް އެންޑް ހޮޓެލް އޮޕަރޭޝަންސް ކޯހާއި، ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް އިން ބެޗްލާރޒް ޑިގްރީ ކޯހާއި އަދި އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓުން މާސްޓާޒް ޑިގްރީ ކޯހެވެ.
މި އަހަރުގެ އޮކްޓޯބަރު މަހު ވިލާ ކޮލެޖަށް ވަނީ 10 އަހަރު ފުރިފައެވެ.
އެ ކޮލެޖުން މިހާރު އެކި ލެވެލްތަކުގެ ތަފާތު 60 އަށް ވުރެ ގިނަ ކޯސްތައް ހިންގަމުންދާ ކަމަށް އެ ކޮލެޖުން މައުލޫމާތުދެއެވެ.