މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ޕޮލިސީއާ ހިލާފަށް ރިޓަޔާކުރި މީހަކަށް ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ.
މި އަހަރުގެ ޖޫން 21 ވަނަ ދުވަހު އެމްޕީއެލްގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެ ކުންފުނީގައި ސީނިއަރ ޓެލީ އޮފިސަރެއްގެ މަގާމު އަދާކުރަމުން ދިޔަ އިބްރާހީމް ވަހީދެވެ. އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެ ކުންފުނިން މިއަހަރު އެކުލަވާލި ރިޓަޔަމަންޓް ޕޮލިސީގެ ދަށުން ކަމަށް ބުނެއެވެ.
އެހެން ނަމަވެސް ޓްރައިބިއުނަލުން ފާހަގަކޮށްފައި ވަނީ އެމްޕީއެލް އިން މި އަހަރު އެކުލަވާލި ރިޓަޔާމަންޓް ޕޮލިސީއަކީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ޕޮލިސީއެއްކަން އެނގެން ނެތް ކަމަށާއި އެފަދަ ޕޮލިސީ ނުވަތަ ގަވާއިދުތައް ހަދައި އާއްމުކުރަންޖެހޭ ގާނޫނީ ހަމަތަކާ އެއްގޮތަށް ހަދައި އާއްމުކޮށް އަމަލުކުރަން ފަށާފައިވާ ޕޮލިސީއެއް ކަމަށް ބަލާނެ ހަމައެއް ވެސް ނެތް ކަމަށެވެ.
އެހެން ކަމުން އިބްރާހީމް ވަހީދަށް ވަޒީފާ އަނބުރާ ދިނުމަށާއި، އޭނާއަކީ ވަޒީފާ އިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށް ޓްރައިބިއުނަލުން ނިންމި ނިންމުމުގައިވެއެވެ. އަދި ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ހަމަޖެހެންދެން ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން އެމްޕީއެލް އަށް ވަނީ އަންގާފައެވެ.
އޭގެ އިތުރުން ރިޓަޔާމަންޓް އިނާޔަތުގެ ފައިސާ ކަމަށް ބުނެ އެމްޕީއެލް އިން އޭނާ އަށް ދީފައިވާ ފައިސާގެ ތެރެއިން ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް ލިބެން ޖެހޭ އިނާޔަތްތަކަށް ޖެހޭ ފައިސާ އުނިކޮށް ބާކީވާ ފައިސާ ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ކުންފުންޏަށް ދައްކައި ހަލާސް ކުރުމަށް ޓްރައިބިއުނަލުގެ ނިންމުމުގައިވެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން އިބްރާހީމް ވަހީދު ބުނީ އެމްޕީއެލްގެ ފަރާތުން ޓްރައިބިއުނަލްގެ އަމުރާ ހިލާފަށް އޭނާ އަށް ކަމެއް ޝަރުތުކޮށްފައިވާ ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ކުރިން ރިޓަޔަމަންޓް އިނާޔަތުގެ ފައިސާ އަނބުރާ އެ ކުންފުންޏަށް ދެއްކުމަށް ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އޭނާ އަށް އަންގާފައިވާ ކަމަށާއި އަދި އެ ފައިސާ އެ ތާރީހުގެ ކުރިން ނުދައްކައިފި ނަމަ އެމްޕީއޭލްގެ ފަރާތުން އޭނާ އަށް ވަޒީފާގެ ފުރުސަތެއް ދެވެން ނޯންނާނެ ވާހަކަ އެމްޕީއެލް އިން ބުނެފައިވާ ކަމަށް ވަހީދު ބުންޏެވެ.
އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެ ކުންފުނީގައި މަސައްކަތް ކުރާތާ 22 އަހަރު ފުރުނު ދުވަހުއެވެ.