ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
އެ އޮފީހުގެ ރަސްމީ ޓުވިޓަރ އެކައުންޓު މެދުވެރިކޮށް އާދިއްތަ ދުވަހުގެ ރޭ ކުރި ޓުވީޓެއްގައި ވަނީ ށ އަތޮޅަށާއި ލ އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ. އަދި މި ވައިޓް އެލާޓް ނެރެފައިވަނީ އާދިއްތަ ދުވަހުގެ ރޭ 11.30 އާއި ހަމައަށެވެ.
ށ އަތޮޅަށާއި ލ އަތޮޅަށް ގުގުރުމާއިއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން މެޓް އޮފީހުން ކުރި އެހެން ޓުވީޓެއްގައި ވަނީ މ އަތޮޅަށާއި ރ އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. މި ޔެލޯ އެލާޓް ނެރެފައިވަނީ އާދިއްތަ ދުވަހުގެ ރޭ 12 ޖެހުމާއި ހަމައަށެވެ.
މ އަތޮޅަށާއި ރ އަތޮޅަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.