ސަރުކާރުން މާލޭގެ ބޮޑެތި މަގުތައް ހަދަން ފަށާފައިވާ މަޝްރޫއުގެ ދަށުން ފުރަތަމަ ހަދަން ފެށި މަޖީދީ މަގުގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށް ހައުސިންގ މިނިސްޓްރީ އިން ބުނެފިއެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް ހުސެއިން ވިދާޅުވީ މަޖީދީމަގުގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށާއި މަސައްކަތްތައް ނިނުމުނުހާ އަވަހަކަށް މިޑިއާ މެދުވެރިކޮށް ރައްޔިތުންނާއި ހިއްސާ ކުރާނެ ކަމަށެވެ.
އެހެންނަމަވެސް މަޖީދީ މަގުގެ ގައު އެޅުމުގެ މަސައްކަތް ނިމި، އާންމުން މިހާރު ވަނީ އެ މަގު ބޭނުން ކުރަން ފަށާފައެވެ. މަޖީދީ މަގުގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށް ހައުސިންގ މިނިސްޓްރީގެ ފަރާތުން ބުނެފައިވާއިރު އެ މަގުގަ ނުނިމި ވަނީ ސީދާ ކޮން މަސައްކަތެއް ކަމެއް އެ މިނިސްޓްރީ އިން ހާމައެއް ނުކުރެއެވެ.
މަޖީދީ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން މަޖީދީ މަގުގެ މަސައްކަތް ހައުސިންގ މިނިސްޓްރީ އިން ފަށާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.
މަޖީދީ މަގު އަލުން ހެދުމުގެ މަސައްކަތުގެ ދަށުން މަގުގައި ކުރިން ހުރި ގާތައް ނެގުމަށްފަހު މަގު އަލުން ލެވަލްކޮށް އައު ގައު އެތުރުމަށް ހައުސިންގ މިނިސްޓްރީ އިން ވަނީ ނިންމާފައެވެ.
ސަރުކާރުން މާލޭގެ ބޮޑެތި މަގުތައް ހަދަން ފަށާފައިވާ މަޝްރޫއުގެ ދަށުން މާލޭގެ 13 މަގެއް ވަނީ ހަދަން ނިންމާފައެވެ. އެ މަގުތަކަކީ:
- މަޖީދީ މަގު
- އަމީނީ މަގު
- ޝަހީދު އަލީ ހިނގުން
- އިއްޒުއްދީން މަގު
- ކަނބާއައިސާރަނި ހިނގުން
- އޯކިޑް މަގު
- ޗާންދަނީ މަގު
- ލިލީ މަގު
- ބުރުޒު މަގު
- ހަވީރީ ހިނގުން
- ހަނދުވަރީ ހިނގުން
- ލޮނުޒިޔާރާތް މަގު
- އަމީރު އަހްމަދު މަގު
މާލޭގެ ބޮޑެތި މަގުތައް އަލުން ހަދަން ސަރުކާރުން ނިންމީ މާލޭގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެ، ބޮޑެތި ގެއްލުންތަކެއް ލިބި އާންމުންނަށް މަގު ބޭނުންކުރުމުގައި ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުމުންނެވެ.