ޖުޑިޝަރީގެ ޚުދުމުހުތާރުކަމާއި ދެކޮޅަށް އަޑުއުފުލުމުގައި އަދިވެސް ދެމިހުންނަވާނެ ކަމަށް ސަސްޕެންޑް ކޮށްފައިވާ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ މަހްފޫޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކުގެ އަޑުއެހުންތަކަށް މަހްފޫޒް ނުވައްދަން ސުޕްރީމް ކޯޓުން ނިންމިޔަސް އޭނާގެ އަޑު ކަޑުވާ ނުލެވޭނެ ކަމަށާއި ޖުޑިޝަރީގެ ޚުދުމުހުތާރުކަމާއި ދެކޮޅަށް އަޑުއުފުލުމުގައި އަދިވެސް ދެމިހުންނަވާނެ ކަމަށެވެ.
SC’s decision to disbar me from all court hearings will not silence me. I will continue to speak out against this judicial dictatorship.
— Mahfooz Saeed (@MahfuzSayd) December 12, 2017
ސުޕްރީމް ކޯޓުން މިގޮތަށް އަންގާފައިވަނީ އެ ކޯޓުގެ ދަށުން ހިންގާ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް (ޑީޖޭޔޫ) މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ޑިސެމްބަރު 11 ވަނަ ދުވަހު ފޮނުވި މެސެޖެއްގައެވެ.
"ވަރަށް ވަރަށް އަވަސް" ޖަހާފައިވާ އެ މެސެޖުގައިވާ ގޮތުގައި، މަހުފޫޒު ސަސްޕެންޑް ކޮށްފައިވަނީ ގާނޫނީ ވަކީލުންގެ ގަވާއިދާއި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ މައްސަލަ ތަހުގީގު ކުރަމުންދާތީ، އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެނެވެ.
އެ މެސެޖު މެދުވެރިކޮށް ސުޕްރީމް ކޯޓުން ވަނީ، ދައުވާލިބޭ ނުވަތަ ދައުވާކުރާ ފަރާތެއްގެ ގޮތުގައި މަހުފޫޒު ހިމެނޭ މައްސަލައެއް ފިޔަވައި، އެހެން އެއްވެސް މައްސަލައެއްގައި ދައުވާކުރާ ނުވަތަ ދައުވާ ލިބޭ އެއްވެސް ފަރާތެއްގެ ބަދަލުގެ ގޮތުގައިވިޔަސް މަހުފޫޒު ކޯޓުތަކަށާއި ޓްރައިބިއުނަލްތަކަށް ބަލައިނުގަތުމަށް އަންގާފައެވެ.
މީގެ އިތުރުން، ޝަރުއީ ކޯޓެއްގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގެ އަޑުއެހުމަށް ޝަރީއަތުގެ މަޖިލިސްތަކަށް މަހުފޫޒު ނުވައްދަން ވެސް ކޯޓުތަކަށް ވަނީ އަންގާފައެވެ.
ސުޕްރީމް ކޯޓުން މަހުފޫޒާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅާފައިމިވަނީ، އެ ކޯޓަށާއި ވަކިން ހާއްސަކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފާޅުގައި މަހުފޫޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ދަނިކޮށެވެ.