ރާއްޖެޓީވީ ނައިޓް 2017 ގައި ބައިވެރިވާ ސްރީލަންކާގެ މަޝްހޫރު ޖާދޫގަރު އެމިލް އެރަނގަގެ ފަރާތުން ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
ރާއްޖެޓީވީގެ ފަރާތުން މައުލޫމާތު ދެމުން ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ވިދާލުވީ މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 16 ވަނަ ދުވަހުގެ ހަވީރު 4.00 އަކުން 5.30 އަށް އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ނޮވެލް ރެސްޓޯރެންޓުގައި ކަމަށެވެ.
އާމިރު އިތުރަށް ވިދާޅުވީ އެމިލް އެރަނގަ ޖާދޫ ހަދާނެ ފަސޭހަ ގޮތްތައް ކުޑަކުދިންނަށް ދަސްކޮށްދޭނެ ކަމަށާއި ރެސްޓޯރެންޓުގެ މޭޒުތައް ކައިރިއަށް ގޮސް ވަކިވަކިންވެސް ޖާދޫ ހަދައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުޑަކުދިންގެ ހަވީރަށް އާންމުންނަށާއި ކުޑަކުދިންނަށް ހިލޭ ވަދެވޭ ގޮތަށް ހަމަޖެހިފައިވާއިރު ނޮވެލް ރެސްޓޯރެންޓުގެ ފަރާތުން މި ކުޑަކުދިންގެ ހަވީރަށް ހާއްސަކޮށްގެން ވަނީ ކުޑަކުދިންނަށް ހާއްސަ މެނޫއެއްވެސް ތައާރަފުކޮށްފައެވެ.
އެމިލް އެރަނގަ ވަނީ 4 ފަހަރެއްގެ މަތިން ރާއްޖޭގައި ޖާދޫ ދަސްކޮށްދިނުމުގެ ކޯސްތައް ހިންގައިދީ، އޮލިމްޕަސްގައި ޖާދޫގެ ޝޯއެއްވެސް ހުށަހަޅައިދީފައެވެ.