ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނިންމުމަކީ ރާއްޖޭގެ ޑިމޮކްރޮސީއަށް އެޅުނު ހުރަހެއް ކަމަށް އެމެރިކާއިން ސްރީ ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެއެވެ.
ސަފީރު އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިބިގެން މެނުވީ ބޭރުގެ ޖަމާއަތްތަކާ ޑިޕްލޮމެޓުންނާ ބައްދަލު ނުކުރުމަށް ކައުންސިލްތަކަށް އެލްޖީއޭ އިން އެންގި އެންގުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށާއި ދެފުށް ފެންނަ ސިޔާސަތަށް އެޅިގެން ދިޔަ ހުރަހެއް ކަމަށެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ކުރެއްވި ޓުވީޓް ސަފީރު ވަނީ ރީޓުވީޓް ކުރައްވާފައެވެ. އަދި ސަފީރުގެ ޓުވީޓުގައިވަނީ އެލްޖީއޭގެ އެ ނިންމުމާއި ގުޅިގެން ސުވާލު އުފައްދަވާފައެވެ.
A further restriction on democracy and transparency in #Maldives: it appears that local elected officials can no longer meet diplomats and civil society NGOs without central government permission. Why? https://t.co/OwktUf4nPj
— Atul Keshap (@USAmbKeshap) December 12, 2017
އެލްޖީއޭ އިން ހޯމަ ދުވަހު ނެރުނު ސާރކިއުލާގައި ވަނީ ކައުންސިލުތަކުން ބޭރުގެ އެކިއެކި ދައުލަތްތަކާއި ނުވަތަ ޖަމިއްޔާ ޖަމާއަތްތަކާއި ނުވަތަ އެ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކާއި ބައްދަލުކުރަން ޖެހޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ހާއްސަ ހުއްދައެއް ހޯދުމަށް ފަހު ކަމަށެވެ.
ލޯކަލް ކައުންސިލުތަކަކީ ސަރުކާރުގެ ޚިދުމަތުގެ ފަށަލައަކަށްވީ ހިނދު ކައުންސިލުގެ އަމަލުތަކާއި ކުރާ މުއާމަލާތްތައް ރައްދުވާ ފަރާތަކީ ދިވެހި ސަރުކާރު ކަމަށްވީ ހިނދު، ބޭރުގެ އެކި އެކި ފަރާތްތަކާއި ލޯކަލް ކައުންސިލުތަކުން މުއާމަލާތުކޮށް ބައްދަލުވުންތައް ބާއްވާނަމަ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ދިވެހިރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތުތަކަށް ބުރޫ އަރައި ދިވެހި ރާއްޖެއިން ތަސްދީޤް ކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކަށް ފުށޫއަރާ ގޮތްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް އެލްޖީއޭގެ ސާރކިއުލާގައި ބުނެފައިވެއެވެ.