ކައުންސިލުތަކުން ބޭރުގެ އެކިއެކި ދައުލަތްތަކާއި ނުވަތަ ޖަމިއްޔާ ޖަމާއަތްތަކާއި ނުވަތަ އެ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކާއި ބައްދަލުކުރަން ޖެހޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ހާއްސަ ހުއްދައެއް ހޯދުމަށް ފަހު ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
ހޯމަ ދުވަހު އެ އޮތޯރިޓީ އިން ނެރުނު ސާކިއުލަރއެއްގައި ވާގޮތުން ލޯކަލް ކައުންސިލުތަކަކީ ސަރުކާރުގެ ޚިދުމަތުގެ ފަށަލައަކަށްވީ ހިނދު ކައުންސިލުގެ އަމަލުތަކާއި ކުރާ މުއާމަލާތްތައް ރައްދުވާ ފަރާތަކީ ދިވެހި ސަރުކާރު ކަމަށްވީ ހިނދު، ބޭރުގެ އެކި އެކި ފަރާތްތަކާއި ލޯކަލް ކައުންސިލުތަކުން މުއާމަލާތުކޮށް ބައްދަލުވުންތައް ބާއްވާނަމަ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ދިވެހިރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތުތަކަށް ބުރޫ އަރައި ދިވެހި ރާއްޖެއިން ތަސްދީޤް ކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކަށް ފުށޫއަރާ ގޮތްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބުނެފައިވެއެވެ.
އެހެންކަމުން ލޯކަލް ކައުންސިލުތަކުން ބޭރުގެ އެކިއެކި ފަރާތްތަކާއި ބައްދަލު ކުރަންވާނީ އެލްޖީއޭ އަށް ލިޔުމަކުން ހުށަހެޅުމަށް ފަހު އެ އޮތޯރިޓީ އިން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަށް ހުށަހަޅައިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށް ސާރކިއުލާގައިވެއެވެ. އަދި މި ގޮތަށް އެލްޖީއޭ އިން އަމަލުކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން އަންގާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މި އުސޫލާ އެއްގޮތަށް އަމަލުނުކުރާ ލޯކަލް ކައުންސިލްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ސާރކިއުލާގައިވެއެވެ. މި ގޮތަށް އެލްޖީއޭއިން އެންގި އިރު އިންޑިއާ ހައިކޮމިޝަނަރ މިހާރު ގެންދަވަނީ އަތޮޅުތަކަށް ދަތުރު ކުރައްވައި ކައުންސިލް މެންބަރުންނާ ބައްދަލު ކުރައްވަމުންނެވެ.