ލޯކަލް މާރުކޭޓުގެ ގޮޅިތައް ހުސްކުރުމަށް އެންގުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހޯމަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތް ވިދާޅުވީ ކަމާ ގުޅޭ މުއްސަސަތާކުން ލޯކަލް މާރުކޭޓުގެ ގޮޅިތައް ހުސްކުރުމަށް، އެ ގޮޅިތައް ހިންގާ ފަރާތްތަކަށް އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިކަންކަމަކީ އެ ފަރާތްތަކުގެ މަސްލަހަތާއި ގުޅިފައިވާ ކަންކަމަށްވުމުން ސަރުކާރުން އެ ފަރާތްތަކުގެ މައްސަލަހަތަށް ނުބައްލަވާ ކަމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. ލޯކަލް މާރުކޭޓުގެ ގޮޅިތައް ހިންގާ ފަރާތްތަކަކީ އެމީހުންގެ ދިރިއުޅުން އެކަމުގެ މައްޗަށް ބަރޯސާކޮށްފައިވާ ފަރާތްތައްކަން ފާހަގަކުރައްވައި އަމީތު ވިދާޅުވީ އެ ފަރާތްތަކަށް ވިޔަފާރި ބަންދު ކުރުމުގެ އިންޒާރުދީ ހެދުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކަމާއިމެދު ހިތާމަކުރާ އަދި ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން މީގައި އެންމެ ކަންބޮޑުވާ އެއް ކަމަކީ މިސާލަކަށް މަސްމާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް މި ފުރުސަތު ސަރުކާރުން ދެއްވާއިރުގައި އެ ބޭފުޅުންގެ ވިޔަފާރީތައް އޭގެ މައްޗަށް ބިނާކުރުމަކަށް ވަގުތެއްވެސް ނުދެއްވާ. މިއަދު އަޅުގަނޑުމެން މައުލޫމާތު ހޯދިއިރު އަޅުގަނޑުމެންނަށް މި އެނގުނީ މި ތަންތަނުގައި ވިޔަފާރިކުރުމުގެ ފުރުސަތު މި ދެއްވަނީ އެއް އަހަރަށް ކަން. އެއް އަހަރުން އަނެއް އަހަރަށް މިތަންތަނުގެ ކޮންޓްރެކްޓް އާކުރާ ގޮތަށް ކަން. ހަގީގަތުގައި މީގެ ބޭނުމަކީ މިތަންތަނުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ސަރުކާރުން ބޭނުންނުވާ ކޮންމެ ބަޔަކަށް ބަންދުކޮށްލުން" އަމީތު ވިދާޅުވިއެވެ.
ސަރުކާރުން ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ވިޔަފާރީތައް ފުޑާލުމުގެ ބަދަލުގައި އެ ފަރާތްތަކަށް އެހީތެރިވެދީ އެ ކަންކަން ރަނގަޅު ގޮތުގައި ރެގިއުލޭޓް ކުރުމަށް އަމީތު ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ މޯލްޑިވިއަންގެ 18 ކެޕްޓަނުން އެތަނުގެ އިސްފަރާތްތަކަށް މަސައްކަތް ކުރަން ޖެހޭ ވަގުތު ގިނަވެގެން ޕެޓިޝަނެއް ހުށަހެޅުމުންވެސް އެ ފަރާތްތަކަށް އެދެވޭ ކަހަލަ ޖަވާބެއް ދީފައި ނުވާ ކަމަށެވެ. ދުނިޔޭގެ އެހެން އެއަރލައިންތަކުން އެތާނގެ ކެޕްޓަނުން ނުވަތަ ޕައިލެޓުންގެ ކަންބޮޑުވުންތައް ފާޅުކުރުމުން ރިސްކް އެސެސްމަންޓް ޓެސްޓް ހާދާކަން ފާހަގަކުރައްވައި އަމީތު ވިދާޅުވީ މޯލްޑިވިއަން އިން އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށެވެ.
މަސައްކަތުގެ މާހައުލުގައި ކެޕްޓަނުންނާއި ޕައިލެޓުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެހާ އިނާޔަތްތަކާއި ލުއިތައް ފޯރުކޮށްދިނުމަށް އަމީތު ވަނީ ގޮވާލާފައެވެ.