ނަފްރަތާއި ރުޅިވެރިކަން ނޫފެދޭ ގޮތަށް ހަބަރާއި މައުލޫމާތު ފެތުރުމަށް މީޑިއާތަކުން ސަމާލުކަން ދޭން ޖެހޭ ކަމަށް ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އދ. ގެ މައި މަރުކަޒުގައި މިހާރު ކުރިއަށްދާ އެޖަމިއްޔާގެ އާއްމު މަޖިލީހުގެ 72 ދެވަނަ ސެޝަންގައި ތަޤުރީރު ކުރައްވަމުން ޑރ އަލީ ނަސީރު ވިދާޅުވީ މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރާއިރު، ވަކިން ޚާއްސަކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކުރާއިރު، ނަފުރަތާއި ރުޅިވެރިކަމަށް އަދި ޓެރެރިޒަމްގެ އެކި ހަރަކާތްތައް ހިންގުމަށް ހިތްވަރުލިބޭ ފަދަ ގޮތްގޮތަށް ހަބަރާއި މަޢުލޫމާތު ނުފެތުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މުޖުތަމަޢުގައި ހަމަޖެހުމާއި އަމާންކަން ގާއިމް ކުރުމުގައި މީޑިއާއަކީ ވަަރަށް މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށާއި އެހެން ކަމަުން މުޖުތަމަޢުގައި ހަމަނުޖެހުން އުފެދި އަމަން އަމާންކަން ގެއްލިގެންދާ ފަދަ އެއްވެސް ކަމެއް މީޑިއާތަކުން ކޮށްގެން ނުވާނެ ކަމަށެވެ.
ހަމައެހެންމެ ރައްޔިތުންނަށް ކަށަވަރު ކޮށްދޭންޖެހޭ އެންމެ އަސާސީ ހައްޤުތަކާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގެ މައިގަނޑު އެއް އަސާސަކީ އެ ޤައުމެއްގައި ސުލްހަ މަސަލަސްކަން ޤާއިމުކުރުން ކަމަށް ޑރ އަލީ ނަސީރު ވިދާޅުވިއެވެ.
ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ ގޮނޑިއެއް ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ އަލީ ނަސީރު ވިދާޅުވީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ލިބިއްޖެނަމަ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް، އެ ކައުންސިލްގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.