ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފި އެވެ.
ސުޕްރީމް ކޯޓުން ކޮށްފައިވާ އާންމު އިއުލާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން 10 ޑިސެމްބަރ 2017 އިން ފެށިގެން 2018 ވަނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
އޭގެއިތުރުން ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތުގެ އިތުރަށް، ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ޙާލަތެއްގައި ފިޔަވައި، އެ އަހަރެއްގެ ދައުރު ނިމުމަށްފަހު އަނެއް އަހަރުގެ ދައުރު ފެށުމާދެމެދުގެ ރިސެސްގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނީ، ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި މެދުކެނޑިގެންނުދާނެ ކަމަށެވެ.
ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. ނަމަވެސް އެ މައްސަލައިގައި ސާފު ހުކުމެއް މިހާތަނަށް ސުޕްރީމް ކޯޓުން ނެރުއްވާފައެއް ނުވެއެވެ. ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ. ޤާނޫނު އަސާސީގައި އެގޮތަށް ބުނެފައިވީނަމަވެސް ސުޕްރީމް ކޯޓުން ގޮނޑި ގެއްލިއްޖެކަމަށް އިއުލާން ނުކުރަނީސް، ގިނަ ދާއިރާތަކެއްގެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.