ގއ އަތޮޅު ވިލިނގިލީ ނެރު މައްޗަށް ދެ ދޯންޏެއް އަރައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގއ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުވާދު ވިދާޅުވީ ވިލިނގިލީ ނެރު މައްޗަށް އަރާފައިވަނީ މަސް ދޯންޏަކާއި މުދާ އުފުލާ ދޯންޏެއް ކަމަށެވެ.
ފުވާދު ވިދާޅުވީ އެއަތޮޅު ދެއްވަދޫ "ކުރިމަގު 2" ނަމަކަށް ކިޔާ މަސް ދޯންޏެއް ހޮނިހިރު ދުވަހުގެ ރޭ 8:30 ހާއިރު ނެރު މައްޗަށް އެރިތާ 10 ވަރަކަށް މިނެޓް ފަހުން މުދާ އުފުލާ ދޯންޏެއް ވެސް ނެރު މައްޗަށް އަރާފައިވާ ކަމަށެވެ.
ވިލިނގިލީ ނެރުގެ ހަނިކަމާއި ބައްތި ޖަހާފައި ނެތުމުގެ ސަބަބުން ވަރަށް ގިނަ ދޯނިފަހަރު ނެރު މައްޗަށް އަރައި ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. މި މަސްތެރޭގައި މީގެ ކުރިން ވެސް ދޯންޏެއް ވިލިނގިލީ ނެރު މައްޗަށް އަރާފައިވެ އެވެ. ފަރަށް އަރާފައިވާ ދެ ދޯނި ފުންކުރެވޭ ވަރުވާނީ ފަތިހު ބޮޑުދިޔަ ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަހަކު ގާތްގަނޑަކަށް ތިން ދޯނި ވަރު ފަރު މައްޗަށް އެބަ އަރާ،" ފުއާދު ވިދާޅުވި އެވެ.
ދޯނި ފަހަރު ފަރަށް އަރާތީވެ، ގއ ވިލިނގިލީ ކައުންސިލާ ގއ އަތޮޅު ކައުންސިލް ގުޅިގެން މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އެގޮތުން ހައުސިންގ މިނިސްޓްރީއަަށާއި އެމްޓީސީސީއަށް ހުށަހަޅައިގެން ވެސް އަދި ކާމިޔާބު ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލަ ހައްލުކުރަން ބޭނުންވިޔަސް، ކައުންސިލަށް ދީފައިވާ ބަޖެޓްގައި ބައްތި ޖެހުމަށް ފައިސާއެއް ނެތް ކަމަށް ފުއާދު ވިދާޅުވި އެވެ.