ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނަމަ، ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާނެކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހާމަކުރައްވައިފައިވަނިކޮށް، ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުން އެކަމަށް ފުރުސަތު ނުލިބޭ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ހުސެއިން ރަޝީދު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން އުމަރު ނަސީރު ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމް ވާދަ ނުކުރައްވާނަމަ، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި މި ހަފްތާގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު ވިދާޅުވެފައިވަނިކޮށް، ހޮނިހިރު ދުވަހު ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ހުސެއިން ރަޝީދު އަހުމަދު ޓުވިޓާރގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން ޖޭޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ޕާޓީގެ ލީޑަރު ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އިންތިހާބުގައި ވާދަ ނުކުރެވުނު ނަމަވެސް އަދި ކުރިމަތިނުލެވޭގޮތް ސަރުކާރުން ހެދިނަމަވެސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ފިޔަވައި އިތުރު ބޭފުޅަކަށް ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
JP ge Asaasy Qavaaidhu bunaagothun JP ge faraathun Riyaasee Inthikhaabugai vaadhakuraanee Partyge Leader. JP ge Leader Hon. Qasim ah kurimathi nullevunas nuvatha kurimathi nulevviyas JP ge Leader noon eheh meehakah kurimathinuleveyne. @Jumhooree_MV @Mihaarunews @vaavu @Raajje_tv
— Hussain R. Hassan (@DrHussainHassan) December 9, 2017
އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމެވިއިރު، މީގެ ކުރިންވެސް އުމަރު ވަނީ އެ ޕާޓީއާއިއެކު މަސައްކަތް ކުރައްވާފައެވެ. އެގޮތުން 2013 ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޢަބްދުﷲ ޔާމިން އާއި ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގަތުމުން އުމަރު ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއާއި އެކު ޤާސިމް އިބްރާހިމް އިންތިޚާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާފައެވެ.