ހއ. އިހަވަންދޫ މަސްދޯންޏަކަށް ކަނޑުމަތިން ފެނުނު ބޭރުގެ މަސްބޯޓެއް އިހަވަންދޫއަށް ގެންގޮސްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، އިހަވަންދޫ 'ގޮމަ' މަސްދޯންޏަށް ކަނޑުމަތިން ބޭރުގެ މަސްބޯޓެއް ފެނުނީ ބުދަ ދުވަހު ކަމަށާއި، އެ ބޯޓު އިހަވަންދޫއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހު ކަމަށެވެ. ރަޝީދު ވިދާޅުވީ، އެ ބޯޓު ފެނުނުއިރު ބޯޓުގައި އެއްވެސް މީހަކު ނެތް ކަމަށާއި، ބޯޓަށް ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައިވާ ކަމަށެވެ.
ރަޝީދު އިތުރަށް ވިދާޅުވީ، މި ބޯޓާއި ގުޅޭ މަޢުލޫމާތު ކައުންސިލުން ފުލުހުންނާއި ހިއްސާ ކުރުމުން، ފުލުހުން ބަލަންޖެހޭ ކަންކަން ބަލައި، ކައުންސިލްގެ ބެލުމުގެ ދަށަށް ދޫކޮށްފައިވާ ކަމަށެވެ. ބޯޓާއި މެދު ކަންކުރުމަށް ނިންމާފައިވަނީ ފިޝަރީޒް މިނިސްޓްރީން އަންގާ ގޮތަކަށް ކަމަށާއި، އާދީއްތަ ދުވަހު ހެނދުނު ބޯޓާއި ގުޅޭ ރިޕޯޓެއް އެ މިނިސްޓްރީއަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.
ފުލުހުންގެ މީޑީއާ އޮފިސަރ ވިދާޅުވީ، މިއީ ކޮން ޤައުމަކަށް ނިސްބަތްވާ ބޯޓެއްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ކަނޑުމަތިން ހޮވައިގެން އިހަވަންދޫއަށް ގެންދިޔަ ބޯޓުގެ ބޭރުގައި ހުރި ބައެއް ލިޔުންތަކާއި، ބޯޓުގައި ތަތްކޮށްފައި ހުރި ޕޯސްޓަރަކަށް ބަލާއިރު، މިއީ ލަންކާގެ މަސްބޯޓެއް ކަމަށް ލަފާކުރެވެއެވެ.
ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު ފެނުނު އިރު ބޯޓުގައި ކުނިވެފައި ހުރި މިޔަރާއި ހިބަރު ކޮންމެވެސް ވަރަކަށް ހުއްޓެވެ.
ފުލުހުން ބުނީ މި ބޯޓު ފެނުނު ކަމުގެ މަޢުލޫމާތު މިހާރު އެމްއެންޑީއެފް އާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.
އިހަވަންދޫ މަސްދޯންޏަކަށް ކަނޑުމަތިން ބޭރުގެ މަސްބޯޓެއް ފެނިފައިވާއިރު، ނިމިގެންދިޔަ ނޮވެމްބަރު މަހުވެސް ބޭރުގެ މަސްބޯޓުތަކެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ވަނީ އަތުލައިގެންފައެވެ.