އަތޮޅުތައް ތަރައްގީ ކުރުމުގެ ވިސްނުންފުޅު ރައިސުލް ޖުމްހޫރީއްޔާ އަބްދުﷲ ޔާމީން ނުގެންގުޅުއްވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް ޔާމީން ހުރިހާ ރައްޔިތުންގެ ކިބައިން މާލެ ސިޓީއަށް ހިޖުރަކުރުމަށް އެދިވަޑައިގަތް ނަމަވެސް އެކަން އެގޮތަށް ރައްޔިތުން ކުރަން ބޭނުން ނުވާނެ ކަމަށާއި ރާއްޖެ ދަރަނިވެރި ކުރުވައިގެން އަތޮޅުގެ ރައްޔިތުން މާލެ އައުމަށް އެދިވަޑައިގަތުމަކީ އެ ރައްޔިތުންނަށް ކުރެއްވޭ ބޭއިންސާފެއް ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖޭގައި އާމްދަނީ ލިބޭ ނިސްބަތަށް ނުބަލައި، އަޅުގަނޑުމެންގެ ރާއްޖެ ދަރަނި ކުރުވައިގެން މާލޭގައި އެ ކުރާ މަސައްކަތަކީ، އަތޮޅުތަކުގެ ރައްޔިތުންނަށް ކުރެއްވޭ ބޭއިންސާފެއް. އަޅުގަނޑުމެންގެ މި ރާއްޖެއަށް ލިބޭ އާމްދަނީގައި ތިޔަ ރައްޔިތުން ވެސް ޓެކްސް އެބަ ދައްކާ. އެންމެ ކުޑަމިނުން ގަންނަ ޕާނަށް ވެސް ތިބޭފުޅުން ޓެކްސް ދައްކަން ޖެހޭނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ނިސްބަތްވާވަރު މީގައި ހިމެނޭއިރު އަޅުގަނޑުމެން ދަރަނި ކުރުވައިގެން އަޅުގަނޑުމެންނަށް އެއްޗެއް ނުދީ، މި ރަށްރަށުގައި ފެނައި ނަރުދަމާ ނެތި މި ރަށްރަށުގައި ހިނގާނެ މަގެއް ނެތި މި ރަށްރަށުގައި އަދި އެ ނޫންވެސް ޒަރޫރީ އަސާސީ ކަންކަން ފުރިހަމަ ނުކުރެވި މާލޭގައި އަޅުގަނޑުމެންގެ ރައްޔިތުން ދަރަނި ކުރުވައިގެން އެ ކުރާ މަސައްކަތްތަކަކީ ބޭއިންސާފެއް،" ނިޒާރު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި އޮންނެވީ ހައްގެއް ނެތް ގޮތުގައި ނުހިނގާ ޝަރިއަތަކާއި ސާބިތުނުވާ މައްސަލައަކާއި ތަހުގީގު ނުކުރެވޭ މައްސަލައެއްގައި ކަމަށެވެ.
މަހްލޫފްގެ ބައްޕަ ހައްޔަރު ކުރި މައްސަލައަށް އަލިއަޅުއްވާލައްވަމުން ނިޒާރު ވިދާޅުވީ މަހްލޫފް އަތުގައި ނުޖެހުމުން މަހްލޫފްގެ ބައްޕަ ދުއާ ކުރަން ހުއްޓާ ގެންދިޔަ ކަމަށާއި މިއީ އުސޫލުތައް އޮންނަ ގައުމުން ކަންތައްތައް ކުރާނެ ގޮތެއް ނޫން ކަމަށެވެ.
ނިޒާރު ވަނީ ޖަލްސާގައި ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.