ބ. ގޮއިދޫގައި ބަޔަކު ކާނާ ވިހަވެގެން ފަރުވާދޭން ފަށައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އެ ރަށުގެ ރައްޔިތަކު ބުނީ ރަށުގެ ބައެއް ރައްޔިތުން ކާނާ ވިހަވެފައިވާކަން ފާހަގަވީ ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ކަމަށާއި މިހާތަނަށް 20 މީހަކު އެ ރަށުގެ ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާ ކަމަށެވެ.
ކާނާ ވިހަވާން ދިމާވި ސަބަބަކީ އެ ރަށުގެ ހުރިހާ ސަރުކާރު އޮފީސްތަކުން ބުދަ ދުވަހުގެ ރޭ ބޭއްވި ބާބަކިއުގައި ކޭ އެއްޗެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މީހާ އިތުރަށް ބުނީ އެ ރަށު ސިއްހީ މަރުކަޒުގައި 4 އެނދު ހުންނައިރު ބައެއް މީހުން އެނދުމަތިކޮށްގެން ފަރުވާދެވެން ނެތުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ގެއަށް ފޮނުވާލައިފައިވާ ކަމަށެވެ.
މީގެ އިތުރުން ބައެއް މީހުން އަތޮޅު ހޮސްޕިޓަލުންވެސް ފަރުވާ ހޯދުމަށްޓަކައި ފުރާފައިވާ ކަމަށް އޭނާ ބުންޏެވެ.
މިކަމާއި ގުޅޭގޮތުން އެ ރަށު ސިއްހީ މަރުކަޒުގެ ބަހެއް ހޯދާލަން ގުޅުމުން އެ ރަށު ސިއްހީ މަރުކަޒުން ބުނީ އެކަމާއި ގުޅޭގޮތުން އެއްވެސް ބަހެއް ބުނަން ބޭނުންނުވާ ކަމަށެވެ.