ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދުދުއާ ކުރި ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން ފުލުސް އޮފީހަށް ހާޒިރުކުރަން ޗިޓް ފޮނުވައިފިއެވެ.
ޗިޓްގައި ބުނެފައި ވަނީ ޑިސެމްބަރު 1 ވަނަ ދުވަހު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ހައްސާން އިސްވެ ހުރެ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދުދުއާ ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލާގައި އޭނާއާ ސުވާލުކޮށް ބަޔާން ނެގުމަށް ބޭނުންވާ ކަމަށެވެ.
ހައްސާން ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ ޑިސެމްބަރު 7 ވަނަ ދުވަހުގެ ހަވީރު 3:00 އަށެވެ.
މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މަހްލޫފް ވިދާޅުވީ ދުއާ ކުރާނެ ތަނަކާއި ކުރާނެ ދުއާއެއް އެނގިވަޑައިގަންނަވާނީ ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ނޫން ކަމަށެވެ. އަދި އެ ދައްކަވާ ބިރަށް ބައްޕަ އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.