ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ފެށުމުގައި ވެސް ބާތިލް އެގްރީމަންޓެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިކޮނޮމިކް އެޑްވައިޒަރ އަދި އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ މެމްބަރު އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެގެން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އޮޅުވާލުމެއްގެ ތެރޭގައި ހިންގި ޖަރީމާއެއް ކަމަށެވެ.
"މި ޒަމާނުގައި އިސްތިއުމާރީ ބާރުތަކުން ގައުމުތައް ހިފަނީ ކޮންމެހެން ހަނގުރާމަ ކޮށްގެން އައިސް ހަތިޔާރު އެޅި މީހުން އަރާ، ގައުމުތައް ހިފަނީކީ ނޫން. މި ޒަމާނުގައި، 21 ވަނަ ގަރުނުގައި ގައުމުތަކުގެ އިސްތިއުމާރީ ބާރުތަކުގެ ދަށަށް ގެންދަނީ އެ ގައުމެއްގެ އިގްތިސާދު އެމީހުން ހިފައި އެމީހުންގެ އަތްދަށަށް ގެނައުން" ޝިޔާމް ވިދާޅުވިއެވެ.
ޗައިނާ އާއި ރާއްޖެއަށް އެތެރެކުރެވިފައިވާ ޕްރޮޑަކްޓްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޕްރޮޑަކްޓްތައް ޗައިނާއަށް އެތެރެ ކުރި މިންވަރަށް ވުރެން ބޮޑަށް ޗައިނާ އިން އެމީހުންގެ ޕްރޮޑަކްޓްތައް ރާއްޖެއަށް އެތެރެކޮށްފައި ވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މި އެގްރީމަންޓްގެ ސަބަބުން ރާއްޖޭގެ އިސްތިގްލާލަށާއި ރާއްޖޭގެ މިނިވަން ކަމަށް ވަރަށް ބޮޑެތި އަސަރުތައް ކުރާނެ ކަމަށެވެ.
ކުރިއަރާފައިވާ ގައުމުތަކުން ޗައިނާއާ އެއްކޮށް މިކަހަލަ އެއްބަސްވުންތައް ހަދައި އެ ތަންތަނުގެ އިގްތިސާދުތައް ހަލާކުވެފައި ވާތީ، އެ ގައުމުތަކުން މިހާރު އެމީހުންގެ އިގްތިސާދު ސަލާމަތްކޮށްފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް މި އެގްރީމަންޓްގެ ސަބަބުން ހަލާކުވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.