ދައުލަތުގެ ކުންފުނިތަކަށް ލިބޭ އާމްދަނީ ކުޑަ ވަނީ އެ ކުންފުނިތައް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތައް ސަރުކާރުން ހިންގާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކާއި މެދު ކަންތައްތައް ކުރައްވާ ގޮތުން ކަންބޮޑުވާކަން ފާހަގަކުރައްވައި ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވީ ސިޔާސީ ކޮންމެ ފިކުރެއްގެ މީހަކަށް ވީކަމުގައިވީ ނަމަވެސް އެ މީހަކާއި މެދު ތަފާތު ކުރުންތައް އޮވެ، ވަޒީފާ ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ. ދައުލަތުގެ އެކި ކުންފުނިތަކާއި، ކުލަބުތައް ހަވާލުކޮށް، އެ ކްލަބުތަކަށް ސްޕޮންސަރ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި ދައުލަތުގެ އެކި ކުންފުނިތަކުން ސީއެސްއާރް ޕްރޮގްރާމުގެ ތެރެއިން ދޭ ދިނުން ކުޑަވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެ ކަންބޮޑުވާ އަނެއް މައްސަލައަކީ މި އަންނަ އަހަރުގެ ބަޖެޓުގައި ލިޔުއްވާފައި އޮތް ގޮތުން ދައުލަތުގެ ކުންފުނިތަކަށް ލިބޭ އާމްދަނީ މަދުވާނެ. އެހެންވީމަ ވަރަށް ކަންބޮޑުވޭ. އަޅުގަނޑުމެންނަށް މި ފެންނަނީ ދައުލަތުގެ ކުންފުނިތައް ބޭނުންކޮށްގެން ކެމްޕެއިން ކުރާތަން، އެއްވެސް ބެލުމެއް ނެތި. އިހައްދުވަހު އެންމެ ފަހުން ގދ. ތިނަދޫގެ ގޮނޑިތައްވެސް ގެންދިޔައީ އެމްއާރްޑީސީ ޕިކަފާއި ލޮރީތަކުގައި. އަޅުގަނޑު ދެ ލޮލުން ދުށި މަންޒަރެއް މިއީ. އެހެންވީމައި މިހެން ސިޔާސީ މަސައްކަތްތައް، ކެމްޕެއިންތައް ކުރަމުންދާއިރުގައި، ކެމްޕެއިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ވަނީ ދައުލަތުގެ ކުންފުނިތަކުން. އެހެންކަމުގައިވާނަމަ ކުންފުނިތަކަށް ލިބޭ އަމްދަނީ ކުޑަވާނެ" ރިޔާޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހުރިހާ ފަޅުތަކާއި ރަށްތައް ވިއްކަމުންދާކަންވެސް ރިޔާޒު ވަނީ ފާހަގަކުރައްވައިފައެވެ.