ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 18:13
އަބުދުﷲ ރިޒާ އާއި އޭނާގެ އަންހެނުން އައިޝަތު މުނާ ފޮޓޯއަކަށް ހުއްޓިލައިގެން
އަބުދުﷲ ރިޒާ އާއި އޭނާގެ އަންހެނުން އައިޝަތު މުނާ ފޮޓޯއަކަށް ހުއްޓިލައިގެން
ސިމާހާ ނަސީމް
ފިރިމީހާއަށްޓަކައި އަންހެނުން
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!
އުމުރުން 36 އަހަރުގެ ރިޒާގެ ދެ ކިޑްނީ ފެއިލްވި
ކްރޮސްމެޗް ދިމާވުމުން އޭނާގެ އަންހެނުން އޭނާއަށް ކިޑްނީ ހަދިޔާކުރި
ހަ މަސް ފަހުން އަލުން ޑޮކްޓަރަށް ދައްކަން ބޭރަށް ދާން ޖެހޭއިރު ބޭނުންވަނީ އާންމުގެ ދީލަތި އޭހީއެއެް

"އަޅުގަނޑަށް މިކަހަލަ އަންބަކު ލިބުނީތީ ވަރަށް އުފާވޭ. އަޅުގަނޑު ހަމަ މަރުން ސަލާމަތްކޮށް ދިނީ އަންހެނުން. އަޅުގަނޑު ވަރަށް ހާލުގައި އުޅުނީ. އަޅުގަނޑަށް މާތްﷲ ލެއްވި ނިއުމަތެއް ކަން ނޭނގެ އަޅުގަނޑަށް މި އަނބިމީހާ ލިބުން" މިއީ ށ. ފޯކައިދޫއަށް އުފަން 36 އަހަރުގެ އަބުދުﷲ ރިޒާގެ ހިތުގައި އޭނާގެ އަންހެނުންނާމެދު މިއަދު އޮތް އިހްސާސްތަކެވެ.  

ކަންވާނީ ވެސް އެހެންތާއެވެ. އޭނާއަށްޓަކައި އެހާ ބޮޑު ގުރުބާނީއެއް ވެދީ އޭނާދެކެ އިންތިހާއަށް ލޯބިވާ އަންބަކު ލިބުމުން އުފާނުވާނީ ކާކު ހެއްޔެވެ. ހެޔޮ ލަފާ ސޯލިހު އަންބަކު ނުވަތަ ފިރިޔަކު ލިބުމަކީ ދުނިޔެ މަތީގައި މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނަސީބެވެ. 

ށ. ފޯކައިދޫއަށް އުފަން އުމުރުން 36 އަހަރުގެ އަބްދުﷲ ރިޒާއަކީ މަސްވެރިއެކެވެ. އުފަން ރަށުގައި ދިރިއުޅުން ހޭދަކުރަމުންދާ އިރު އޭނާގެ ހުރިހާ އުންމީދަކީ އޭނާގެ ދެ ދަރިންނެވެ. އޭނާގެ ދެ ދަރިންގެ މުސްތަގްބަލު ބިނާ ކުރުމަށްޓަކައި މުޅި ރެޔާއި ދުވާލު މަސައްކަތް ކުރަމުންދަނިކޮށް އޭނާގެ ދިރިއުޅުން އެ ފުށުން މި ފުށަށް ޖަހާލީ، ދެ ކިޑްނީ ފެއިލްވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ހިސާބުންނެވެ.

ރިޒާއަށް ކިޑްނީގައި މައްސަލަ އުޅޭކަން އެނގުނީ މަންމަ ޑޮކްޓަރަށް ދައްކަން ޓްރިވެންޑްރަމަށް ގޮސް ހުއްޓާ ހެދި ޓެސްޓަކުންނެވެ. އެ ޓެސްޓު ހަދަން ނިންމީ މަންމަގެ ލަފާގެ މަތިންނާއި ކުޑަކަމުދާއިރު ކުދި ހިލަ އަންނަ ކަމަށް ފާހަގަ ކުރެވިގެންނެވެ. ޑޮކްޓަރު ބައޮޕްސީ ހަދަން އެންގި ނަމަވެސް މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން އެ ދަތުރުގައި އެކަން ނުކޮށް ރިޒާއަށް ޖެހުނީ މާލެ އަންނާށެވެ.

މާލެ އައިސް އިތުރަށް ޓެސްޓުތައް ހެދުމުން އެނގިގެންދިޔައީ ދެ ކިޑްނީ ފެއިލްވެފައިވާކަމެވެ. އަދި ހަ މަސް ވަންދެން ރާއްޖޭގައި ހުރެ ޑައިލަސިސް ހަދަން ފެށިއެވެ.

" ހަ މަސް ފަހުން ޑައިލަސިސް ހަދާފައި އަޅުގަނޑުގެ އަންހެނުން ނިންމީ އަޅުގަނޑަށް ކިޑްނީ ދޭން. އެހިސާބުން ފެށިގެން ވިލިނގިލީގައި ތިބެ އަޅުގަނޑުމެން ޓެސްޓުތައް ހަދައި، މަސައްކަތް ކުރީ ރުފިޔާ ހޯދަން. ދެން އަޅުގަނޑުމެން ރަށު ކައުންސިލާއި ވާހަކަ ދައްކައިގެން ރަށުގެ ރައްޔިތުން އަތުން އަޅުގަނޑުމެން ރުފިޔާ ހޯދީ" ރިޒާ ބުންޏެވެ.

ރިޒާގެ އަންހެނުން އައިޝަތު މުނާ (އުމުރުން 32 އަހަރު) އަށް އޭނާގެ ފިރިމީހާގެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނު ހިސާބުން ނިންމީ ކުދިންގެ ހައްގުގައި އަދި ފިރިމީހާ ދެކެ ވާ ލޯތްބަށްޓަކައި ކްރޮސްމެޗް ދިމާވާ ކަމުގައިވަނީ ނަމަ ކިޑްނީ ހަދިޔާ ކުރުމަށެވެ. މާތްﷲ މިންވަރުފުޅާއި އިރާދަފުޅުން ކްރޮސްމެޗް ދިމާވުމުން މުނާ ކިޑްނީ ހަދިޔާ ކުރަން ނިންމީއެވެ.

" އަޅުގަނޑު ބޭބެ ކައިރީ ކިޑްނީ ދޭ ވާހަކަ ބުނިން. އެކަމަކު ބޭބެ އެހާ ހިތްހަމައެއް ނުޖެހޭ. އަޅުގަނޑު ބުނިން ފިރިމީހާ ކައިރީ ދެރަނުވާށޭ. އަޅުގަނޑު ކިޑްނީ ދިމާވާކަމުގައިވަނީ ނަމަ، އަޅުގަނޑަށް ގެއްލުމެއް ނުވާހާ ހިނދަކު މިހުރީ ކިޑްނީ ދޭން ތައްޔާރަށޭ. އެއީ އަޅުގަނޑު ދިރިއުޅުމުގެ ބާކީ އޮތް ބައިވެސް ފިރިމީހާ އަދި ދަރިންނާއިއެކު ހޭދަކުރަން ބޭނުންވާތީ" މުނާ ބުންޏެވެ.

ކިޑްނީ ފެއިލްވުމުގެ ސަބަބުން މުޅި މީހާ އެއްކޮށް ހިކި ހިތްދަތި ދުވަސްތަކެއް ރިޒާ ވޭތުކުރަން ޖެހުނެވެ. ބައެއް މީހުން އޭނާ ގާތުގައި ގަދަ ނުވާނެ ކަމަށް ވެސް ބުންޏެވެ. އެހެން ނަމަވެސް އޭނާ އެހާ ހާލުގައި އުޅެނިކޮށް އަންހެނުން ކިޑްނީ ދޭނެ ކަމަށް ބުނުމުން އޭނާ ދިރިއުޅުމަށް ކުރަމުން ދިޔަ އުންމީދުތައް އަލުން އާވެގެން ދިޔައެވެ.

ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެކި މީހުން އަތުން ހޯދި ފައިސާގެ އެހީ ހިފައިގެން އެ ދެމަފިރިން ކިޑްނީ ޓްރާންސްޕްލާންޓު ހެދުމަށް ޓަކައި އިންޑިއާއަށް ފުރިއެވެ. ބާރަ ގަޑިއަށްވުރެ ދިގު އޮޕްރޭޝަނަކަށް ފަހު ކިޑްނީ ޓްރާންސްޕްލާންޓް ކުރެވިގެން ދިޔައެވެ. އޮޕްރޭޝަން ކުރިތާ 15 ދުވަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލިއެވެ.

ކާމިޔާބު އޮޕަރޭޝަނަކަށް ފަހު 8 މަސް ރާއްޖެއިން ބޭރުގައި ހޭދަކުރުމަށް ފަހު މިއަދު އެދެމަފިރިން ތިބީ ރާއްޖޭގައެވެ. އެހެން ނަމަވެސް 6 މަސް ފަހުން އަނެއްކާ ވެސް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދާންޖެހެއެވެ. އެކަމަށް ހަރަދު ކުރާނެ ފައިސާއެއް އަދި އޭނާގެ އަތަކުނެތެވެ.

ފިރިމިހާއާ ދަރިންގެ ހައްގުގައި އަނބިމީހާގެ ކިޑްނީ އޭނާގެ ފިރިމީހާއަށް ހަދިޔާކުރުމަކީ ލޯތްބާއި އަޅާލުމުގެ ލާމަސީލު މިސާލެކެވެ. މިއީ އިންސާނިއްޔަތު ކަމުގެ ފުރިހަމަ ނަމޫނާއެއް ކަމަށް ގަބޫލު ކުރަންޖެހެއެވެ.

 

  

- ކޮމެންޓް
27 ނޮވެންބަރ 2017 | ހޯމަ 15:28
އެހީ
އެކައުންޓް ނަމްބަރ ޖަހާލިނަމަ
27 ނޮވެންބަރ 2017 | ހޯމަ 11:00
ޝަރީ
ތިޔައީ ދުނިޔެމަތީގައި މިހާރު މަދުން ނޫނީ ނުފެންނަވަރުގެ ތެދުވެރި އިހްލާސް ތެރި ވަފާތެރި އޯގާތެރި އަންހެނެއް މާތް ﷲ އެ އަންހެނާއަށް ރަހްމަތްލައްވާށި ! އަދި ތިޔަ ވަފާތެރިކަންމަތީ އަބަދަށް ލަހައްޓަވާށި! އާމީން