އަދާރަން ޕްރެސްޓީޖް ވާދޫ މޯލްޑިވްސް ރިސޯޓުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ހޮނިހިރު ދުވަހު ބާއްވައިފިއެވެ.
އެ ރިސޯޓުން މި ކޭމްޕް ބާއްވާފައިވަނީ މޯލްޑިވިއަން ބްލަޑް ސާރވިސަސް އާއި ހެލްތް މިނިސްޓްރީއާ ގުޅިގެންނެވެ.
މި ކޭމްޕުގައި އެ ރިސޯޓުގެ 40 ސްޓާފުން ލޭ ހަދިޔާ ކޮށްފައިވާއިރު މި ކޭމްޕް ކުރިއަށް ދިޔައީ ހޮނިހިރު ދުވަހުގެ ހެނދުނު 10 އަކުން ހަވީރު 4 އަކަށެވެ.
އެ ރިސޯޓުގެ ހިއުމަން ރިސޯސް މެނޭޖަރ އަހްމަދު މައުޝޫގް ވިދާޅުވީ ލޭ ހަދިޔާ ކުރުމުގެ ކޭމްޕަށް ރިސޯޓުގެ ސްޓާފުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރާ ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް އެ ރިސޯޓާއި ގުޅިގެން އިޖްތިމާއީ ޒިންމާގެ ހަރަކާތްތައް ހިންގުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
ޖުމައިރާ ވިޓަވެލި ރިސޯޓުން ބޭއްވި ފުޓްސަލް މުބާރާތުގައި އަދާރަން ޕްރެސްޓީޖް ވާދޫ މޯލްޑިވްސް ރިސޯޓުގެ ފުޓްސަލް ޓީމް، ރަނަރަޕް ޓީމަށް ހޮވުމާއި ގުޅިގެން ލިބުނު 7500 ރުފިޔާ ވަނީ ތެލެސީމާ ފަންޑަށް އެ ރިސޯޓުގެ ފަރާތުން ހަދިޔާ ކޮށްފައެވެ.
މި ކޭމްޕްގައި އެ ރިސޯޓުގެ އިސްވެރިންނާއި ހެލްތް މިނިސްޓްރީ އަދި މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.