ރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ދެނެގަތުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މޯލްޑިވްސް ކަސްޓަމްސް ސާވިރސް އިން މިއަދު ފަށައިފިއެވެ.
މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ އިމްޕޯޓް އަދި އެކްސްޕޯޓް މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ދެނެގަތުމަށްޓަކައި ކުރެވޭ ސަރވޭ ނުވަތަ "ޓައިމް ރިލީސް ސްޓަޑީ"އެއް ހެދުމަށް ވާންޖެހޭ ތައްޔާރީތައް ވުމެވެ.
މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމްގައި އިމްޕޯޓް އަދި އެކްސްޕޯޓާ ގުޅޭ ކަންތައްތަކުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތަށް 38 މުވައްޒަފުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައި ވެއެވެ. އަދި މި ޕްރޮފްރާމްގައި ކިޔަވާދެއްވަނީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ކަމާ ގުޅޭ މާހިރުންނެވެ.
މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ނުވަތަ "ޓައިމް ރިލީސް ސްޓަޑީ"އަކީ އިމްޕޯޓް އަދި އެކްސްޕޯޓާ ގުޅޭ ކަންތައްތައް ތަރައްޤީ ކުރެވި ލުއިފަސޭހަ ކުރެވިފައިވާ މިންވަރު ދެނެގަތުމަށް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ކުރިއަށްގެންދާ ސަރވޭއެކެވެ.