މިސްވޯލްޑަކަށް ނުވަތަ ދުނިޔޭގެ އެންމެ ރީތި އަންހެނަކަށް އިންޑިއާގެ މަނޫޝީ ޗައްލާ ހޮވިއްޖެއެވެ.
މިއީ 17 އަހަރު ފަހުން އިންޑިއާގެ މީހަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.
މަނޫޝީ ވެގެން ދިޔައީ މިސްވޯލްޑްގެ އެވޯޑް ލިބުނު އިންޑިއާގެ 6 ވަނަ މީހާއަށެވެ. އެންމެ ފަހުން އިންޑިއާގެ މީހަކަށް މިސް ވޯލްޑްކަން ލިބުނީ 2000 ވަނަ އަހަރު ޕްރިޔަންކާ ޗޮޕްރާއަށެވެ.
އުމުރުން 21 އަހަރުގެ މަނޫޝީ ޗައްލާ ދަނީ މެޑިކަލް ދާއިރާއިން ތައުލީމު ހާސިލު ކުރަމުންނެވެ.
މަނޫޝީ ގެ ކާމިޔާބީއއާއި ގުޅިގެން އޭނާ ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އޭނާއަށް މިސްވޯލްޑް ގެ މަގާމް ލިބުމުން ކުރަނީ އުފާވެރި އިހުސާސެއް ކަމަށާއި އެއަށް ވުރެ އޭނާއަށް މުޅި އިންޑިއާ ފަޚުރުވެރިވުމުން ލިބޭ އުފާވެރިކަން ބޮޑު ކަމަށެވެ.
މަނޫޝީގެ މައިންބަފައިންނަކީ ވެސް ޑޮކްޓަރުންނެވެ.
މިސްވޯލްޑަކަށް ހޮވުނު ރަސްމިއްޔާތުގައި މަނޫޝީއަށް ކުރި ސުވާލަކީ އޭނާ ދެކޭގޮތުގައި ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ދޭންޖެހޭނީ ކޮންބަޔަކަށްތޯއެވެ. ޖަވާބުގައި މަނޫޝީ ބުނީ އޭނާ ދެކޭގޮތުގައި އެންމެ ބޮޑު މުސާރައެއް ދޭންޖެހޭނީ މައިންނަށް ކަމަށެވެ.
މިސްވޯލްޑްގެ ފުރަތަމަ ރަނަރަޕް ގެންގޮސްފައި ވަނީ މެކްސިކޯގެ އެންޑްރިއާ އެވެ. އަދި ދެވަނަ ލިބުނީ އިނގިރޭސި ވިލާތުގެ ސްޓެފަނީ ހިލްއެވެ.
މިފަހަރުގެ މިސްވޯލްޑް 2017 ގައި 108 ގައުމުން ހޮވާލެވުނު އަންހެނުން ވަނީ ބައިވެރިވެފައެވެ. މިއީ ދުނިޔޭގެ އެންމެ ރީތި އަންހެނާ ހޮވި 54 ވަނަ ފަހަރެވެ.