މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ދިވެހިރާއްޖެ އޮންނާނީ ބަގުރޫޓުވެފައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގެ ފުރަތަމަ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއެއްގައި މަލީހު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި ހިންގާ ކޮންމެ ޕްރޮޖެކްޓެއްގައި ކޮރަޕްޝަން އާއި ފަސާދަ އެކުލެވިފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ކަނޑައެޅި މެނިފެސްޓޯ މަތިން އެއްކޮށް ހަނދާން ނެތިފައިވާކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ މެނިފެސްޓޯ ފުރިހަމަވި ނަމަވެސް، އެ މެނިފެސްޓޯ ތަންފީޒު ކުރެވޭނީ ވަރަށް ހީވާގި ޓީމެއް ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވައިގެން ކަމަށެވެ.
އެހެން ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރަކީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ރައީސުލް ޖުމްހޫރިއްޔާގެ ސެކެޓްރިއޭޓް ނިދާފައިވާ މަންޒަރު ކަމަށް މަލީހު ވިދާޅުވިއެވެ.
" އަޅުގަނޑުމެންނަކަށް ނުފެނޭ ސަރުކާރު ހިންގުމަށްޓަކައި ގާނޫނު އަސާސީ ބުނާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާތަން ނުފެނޭ. މީޑިއާއަކުން ވެސް ނުލިބޭ އެ ހަބަރެއް. ސަރުކާރު ހިނގާ ގޮތުގެ މައުލޫމާތު އެއްވެސް މީޑިއާ އަކާއި ހަމައަކަށް ނާދޭ އަދި އަމުދުން ރައްޔިތުންނާއި ހަމައަކަށް ނާދޭ" މަލީހު ވިދާޅުވިއެވެ.
މި ސަރުކާރުން ވެފައިވާ ހުރިހާ ވައުދުތަކާއި ހިލާފަށް ކަންތައްތައް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.
" މި ސަރުކާރުން ކޮށްފައިވާ އެކިއެކި މުހިންމު ވައުދުތަކަށް ބަލާއިރު ވިދާޅުވީ ތިމަން މަނިކުފާނުގެ ސަރުކާރެއްގައި ދެވަނަ އަހަރުން ފެށިގެން ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭނީ އަރަނި ބަޖެޓެކޭ. މިއަދު އަޅުގަނޑުމެން އަޑުއަހަން މި ޖެހެނީ ހަތަރު އަހަރުވެގެންދާއިރު ދިވެހި ދައުލަތް 40 ބިލިއަން ރުފިޔާއިން ދަރަނިވެރި ވެފައިވާ ވާހަކަ" މަލީހު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން އެކި ވައުދުތައް ކޮށްފައިވީ ނަމަވެސް އެކަންތައްތައް ފުރިހަމަކުރައްވައިފައި ނުވާ ކަން ފާހަގަކުރައްވައި މަލީހު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.