ބައިނަލަގްވާމީ މުޖުތަމައުގައި ރާއްޖެ އޮތީ އެކަހެރިވެ، އިތުބާރު ގެއްލިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ރާއްޖެޓީވީ އިން ގެނެސް ދިން ޚާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މި ސަރުކާރުން ބޭރުގެ މުޖުތަމައުގައި ރާއްޖޭގެ ނަން ކިލަނބު ކުރި ކަންތައްތައް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
"ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރި އެކަން ފާހަގަކުރަމުންދާއިރު ބައިނަލަގްވާމީ މުޖުތަމައުގައި ރާއްޖެ މިއޮތީ ބާކީވެފައި، އެކަހެރިވެފައި، އެކަނިވެފައި، އިތުބާރު ގެއްލިފައި. ރާއްޖެ މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބައިނަލަގްވާމީ މުޖުތަމައުގައި ނިކަމެތިވަމުން، ދިވެހި ރާއްޖެއަކީ ބައިނަލަގްވާމީ އުސޫލުތަކަށް ބޯނުލަބާ ގައުމެއްގެ ގޮތުގައި ތައްގަނޑު ޖެހެމުން، އެ ލޭބަލް އެޅުވެމުން. ބައިނަލަގްވާމީ މުޖުތަމައުގައި ބުނާ ބަހާއި ކަންކުރާ ގޮތާއި ދިމާނުވާ ގައުމެއްގެ ގޮތުގައި ފާހަގަވަމުން" ޝާހިދު ވިދާޅުވިއެވެ.
ބައިނަލަގްވާމީ މުޖުތަމައުގައި ދިވެހި ދިދަ އަށް ލިބެމުން ދިޔަ އިހްތިރާމާއި ގަދަރު ކިނލަބުވެ، ނިކަމެތިވަމުންދާ ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ މިނިވަން މުސްތަގިއްލު ގައުމެއްޓަކައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭނެ ކަންތައްތައް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ހަމައެކަނި އެންމެ ގައުމަކަށް ރާއްޖޭގެ ހުރިހާ ވަސީލަތްތަކެއް ބަރޯސާކޮށްގެން ނުތިބުން ކަމަށެވެ.
ބައިނަލަގްވާމީ މުޖުތަމައުގައި ރައީސް ޔާމީންގެ ސަރުކާރު ސިފަވެފައި އޮތީ ވަރަށް ހަޑިކޮށް ކަމަށް ޝާހިދު ވިދާޅުވިއެވެ.