ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
"މަވެސް ދާނަން" ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8.30 ގައި އަލިމަސް ކާނިވާގަ އެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ނޮވެމްބަރ ހަ ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައިވެސް ވަނީ ޝާއިޢުކޮށްފައެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ނޮވެންބަރު 16، 2017 ވާ ބުރާސްފަތި ދުވަހުގެ ކާނިވާ ސަރަހައްދުގައި ބާއްވާ ރަސްމީ ޖަލްސާގެ ސްޓޭޖް ކޮންސެޕްޓް ޑިޒައިން ހެދުމާއި ލައިޓިންނާ އަދި ލެޑް ސްކްރީން ބެހެއްޓުމާއި، ސައުންޑް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މި ސަރުކާރަށް ހުކުރު ދުވަހު ހަތަރު އަހަރު ފުރޭއިރު، ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ގިނަ ވައުދުތަކެއް ފުއްދިފައިނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި މި ސަރުކާރުން ޔަގީންވެފައިވާ ކަމަކީ ކޮރަޕްޝަނާއި ވައްކަން ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.