މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އޮފިސަރުންނަކީ ރިޝްވަތަށް ހުށަނޭޅޭ، ކަރާމާތްތެރި ބަޔަކަށްވުމަށް އުންމީދު ކުރައްވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ކ. މާފުށީ ޖަލުގައި ބޭއްވި "ކަރެކްޝަނަލް ސާރވިސް އޮފިސަރުންގެ ގްރެޖުއޭޝަން" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނާއި އެއް ހަމައެއްގައި، ނުވަތަ އެއަށްވުރެންވެސް ބޮޑަށް، އިންސާނީ ކަރާމާތް އިސްކޮށް، ނަމޫނާ ދައްކާ ބައެއް ކަމުގައި ކަރެކްޝަންސް އޮފިސަރުން ވާންޖެހޭނެ ކަމަށެވެ.
އޮފިސަރުންނަށް ހުށަހެޅޭ ހުށަހެޅުންތަކަކީ މުއައްސަސާއެއް ހަލާކުވެގެން ހިނގައިދާނެކަމުގެ އަލާމާތްތަކުގެ ފެށުންކަން އަޒްލީން ފާހަގަ ކުރެއްވިއެވެ.
"މިދަންނަވާ ކަހަލަ ހުށަހެޅުންތައް އަންނާނެ އެކި ލެވަލްތަކުގައި. ދުނިޔޭގެ އެއްވެސް މުއައްސަސާ އެއް ނޯންނާނެ އެ މުއައްސަސާ ތެރޭގައި ސައްތައިން ސައްތަ އެއްވެސް ކަހަލަ ކުށެއް ނުކުރާ މީހުން ތިބި މުއައްސަސާ އެއް. އަޅުގަނޑުމެންނަށް ލިބޭ ހިތް ހަމަޖެހުމަކީ މި މުއައްސަސާ (މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް) ތެރޭގައި ތިއްބަވާ އޮފިސަރުން ވީހާ ވެސް ބޮޑަށް މިކަހަލަ ކަންތައްތަކާއި ދުރުވެގެން އެއްވެސް ކަހަލަ ބްރައިބަރީ އަކަށް ނުވަތަ އުސޫލުތަކާއި ގަވާއިދު ތަކާއި ހިލާފުވާ ކަންތައްތަކަށް ހުށަނޭޅޭ ވަރުގެ ކަރާމަތްތެރި ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވެގެން ދިޔުން" އަޒްލީނު ވިދާޅުވިއެވެ.
ހޯމަ ދުވަހުގެރޭ ކަރެކްޝަނަލް ސަރވިސްގެ 29 އޮފިސަރަކު ވަނީ ދަސްވެނިވެފައެވެ.
ޓްރެއިނިންގްގައި ދަސްކޮށްފައިވާ ފިލާވަޅުތައް ރަނގަޅަށް އަށަގެންފައިވާ ކަމުގައި ވާނަމަ މަސައްކަތުގެ މާހައުލުގައި ނާކާމިޔާބު ވެގެން ނުދާނެކަމަށްވެސް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.
"އޮފިސަރުން ގްރެޖުއޭޓުވެގެން އަންނައިރު ވިސްނާލަން ޖެހޭ ކަމަކީ ތިމަންނަ މިހާރު ކުރިމަތިލާން މި އުޅެނީ ހަގީގީ އިމްތިހާނާއި ކަން. މި ހުރިހާ ދުވަހު އޮފިސަރުން ކުރިމަތިލި އިމްތިހާނުތަކަކީ ވަގުތީ އިމްތިހާނުތަކެއް. އެއީ އެ ފިލާވަޅުތައް ޓެސްޓު ކުރުމަށްޓަކައި ނުވަތަ އިވެލުވޭޓު ކުރުމަށްޓަކައި ކުރިމަތި ކުރެވުނު އިމްތިހާނުތަކެއް. ދެން އަންނާނީ ހަގީގީ އިމްތިހާނު" އަޒްލީން ވިދާޅުވިއެވެ.
ގައިދީއިންނާއި ކުރިމަތިލާއިރު ކެތްތެރިކަން އިސްކޮށް ރަނގަޅަށް ޑީލްކުރުމަށް އަޒްލީން ވަނީ ހުރިހާ ކަރެކްޝަންސް އޮފިސަރުންނަށް އިލްތިމާސް ކުރައްވާފައެވެ.
ދަސްވެނިވި އޮފިސަރުންނަށް މި ރަސްމިއްޔާތުގައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވުމަށްފަހު، މިނިސްޓަރ އަޒްލީން ވަނީ ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ތައްޔާރުކޮށްފައިވާ މެގަޒިންއެއްވެސް އިފްތިތާޙުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުންނާއި، އެ ސަރވިސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.