ސަރުކާރުން ހިންގާ މަޝްރުއޫތަކުގެ އަގު ބޮޑުވެގެން އެވާހަކަ ދެއްކެވެމުން ތަފްސީލް ނުލިބޭ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދިން "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ސަރުކާރުން ފައްޓާ މަޝްރުއޫތަކުގެ ތަފްސީލުތައް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ބޭނުންވާ މައުލޫމާތު އެންމެ ކުޑަ މިންވަރަށް ފޯރުކޮށްދިން ނަމަވެސް އެ މަޝްރުއޫތަކުގެ އަގު ބޮޑުވެގެން އެވާހަކަ ދެއްކެވުމުން އެކަމުގެ ތަފްސީލް ރައީސް ޔާމީންގެ ސަރުކާރުން ހިއްސާ ނުކުރާ ކަމަށެވެ.
މާލިއްޔަތު ގާނޫނުގައި ދަރަނިވެރިވުމާއި ދަރަނީގެ ނިސްބަތް ކަނޑައެޅިފައިވާކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ މާލިއްޔަތު ގާނޫނު ފާސްކުރި ފަހުން އެ ރޭޝިއޯތަކަށް ފައްތައިގެން ސަރުކާރުގެ ބަޖެޓުތަކުގެ ހަރަދުތައް ކުރެވިފައި ނުވާ ކަމަށެވެ.
ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ މިންވަރާ ގާތަށްވެސް ބަޖެޓަށް ފައިސާ ލިބިފައިނުވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ބަޖެޓް ޕްލޭންގައި އިދިކޮޅު ފަރާތްތަކުން އެ ބޭފުޅުން ނިސްބަތްވާ ދާއިރާތަކަށް ކުރައްވަން ކަނޑައަޅުއްވާފައިވާ މަޝްރުއޫތައް ބަޖެޓް ޕްލޭންގައި ހިމަނާފައި ވި ނަމަވެސް އެ މަޝްރުއޫތައް މި ސަރުކާރުން ހިންގަމުންދަނީ މަޑު ދުވެއްޔެއްގައި ކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ސިޔާސީ ކަންތައްތައް ހަލަބޮލި ކަންމަތީގައި ވޭތުވެދިޔަ 8 އަހަރު އޮތުމުން އިގްތިސާދީ އަދި މާލީ ސިޔާސަތަށް އެހާ ބޮޑު ސަމާލުކަމެއް ރައްޔިތުން ދީފައިނުވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
"(އިގްތިސާދީ އަދި މާލީ ސިޔާސަތުތައް) އެ ސިޔާސަތުތަކާ ދޭތެރޭ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ވިސްނާ އިގްތިސާދީ އެކި ސިޔާސަތުތަކާއި މާލީ އެކި ސިޔާސަތުތަކާއި ފައިސާގެ ލިކުއިޑިޓީން މާކެޓަށް އަންނަ ބަދަލާއި ބެލެންސް އޮފް ޕޭމަންޓަށް އަންނަ ބަދަލުން ރައްޔިތުންނަށް ކުރާ އަސަރާއި މިކަހަލަ ކަންކަމާ ދޭތެރޭގައި އެހާ ބޮޑަކަށް ވާހަކަ ދެކެވޭ ތަނެއް ނުވެސް ފެނޭ. މަޖިލިސް ތެރޭގައި ހިނގާ ބަހުސްތަކުގައިވެސް އެވާހަކަ ދެކެވޭ ތަނެއް ނުފެނޭ" ޝަރީފު ވިދާޅުވިއެވެ.
ދައުލަތުގެ ރިޒާވުގައި އެހާ ގިނަ ފައިސާ ނެތްކަންކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.