ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް، ރައީސް އަބްދުﷲ ޔާމީން މިއަދު އިފްތިތާހްކޮށްދެއްވައިފި އެވެ.
މި ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަފުޅެއް ނުދައްކަވަ އެވެ.
ކުޅުދުއްފުށީ ބިން ހިއްކަނީ އެމްޓީސީސީއަށް ގެނައި ކޮންނަ ބޯޓް، މަހާ ޖައްރާފުންނެވެ.
ކުޅުދުއްފުށީ ބިން ހިއްކުން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހީމް ޒިޔަތު ވިދާޅުވީ މަހާ ޖައްރާފުގެ ސަބަބުން ދިވެހިރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނެވިގެންދާނެ ކަމަށެވެ. ބިން ހިއްކުމާއި ފަޅު ހިއްކުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރުއޫގެ އެއް އަސާސް ކަމަށް އޭނާ ވިދާޅުވި އެވެ.
މަހާޖައްރާފުގެ ސަބަބުން އެމްޓީސީސީގެ ދުވެލި އިތުރަށް ހަލުއިވެގެންދާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހު ކުޅުދުއްފުށި ތަރައްޤީ ކުރުމަށް ނިންމެވި ކަމަށެވެ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ނިމި އެހެން އެއާޕޯޓްތަކުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ނިމުމުން ށ. ފުނަދޫގެ އެއަރޕޯޓްގެ މަސައްކަތް، މަހާ ޖައްރާފު ބޭނުންކޮށްގެން ނިންމާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. މީގެ އިތުރުން އެހެން އެއާފޯޓްތައްވެސް ރޮކެޓް ސްޕީޑްގައި ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ކުޅުދުއްދުށީ ރައްޔިތުން ދެކެމުން އައި ހުވަފެނުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުން އެކަމާ އުފާކުރައްވާ ކަމަށާއި އެއާޕޯޓް އެޅުމުން އެންމެހާ ރައްޔިތުންނަށް ވަރަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމަށެވެ.