އެއްވެސް މީހަކަށް ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާ ގޮތަށް އަމަލު ކުރުމުގެ ހައްގެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭއިން ސްރީ ލަންކާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާފައިވާ ކަމަށާއި ރާއްޖޭއިން ސްރީ ލަންކާއަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށެވެ. އަދި އެއްވެސް މީހަކަށް ރާއްޖޭއާ ލަންކާއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާ ގޮތަށް އަމަލު ކުރުމުގެ ހައްގެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
Sri Lanka has always been a very close and highly trusted friend of Maldives. No one has the right to disturb our bilateral relations.
— Maumoon Abdul Gayoom (@maumoonagayoom) November 10, 2017
ރައީސް މައުމޫން މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައިވާއިރު ވެރިކަން ކުރާ ޕީޕީއެމްގެ ނާއިބު ލީޑަރުގެ މަގާމުގައި ހުންނެވި، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މި ސަރުކާރު ވައްޓާލަން އުޅެނީ ސްރީ ލަންކާ ސަރުކާރުގެ ވެރިން އަޑީގައި ތިބެގެން ކަމަށާއި އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަން ކުރަމުންދާ މަސައްކަތްތަކަށް ލަންކާ ސަރުކާރުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.
ރިޔާޒު އަށް ރައްދު ދެއްވައި ސްރީ ލަންކާގެ ކުރީގެ ރައީސްގެ ދަރިކަލުން އަދި ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ނަމަލް ރާޖަޕަކްސާ ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރުކާރު ވައްޓާލަން އެއްވެސް ހާލެއްގައި ލަންކާ ސަރުކާރުން މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި ލަންކާގެ ސިޔާސަތަކީ އަބަދުވެސް އެހެން ގައުމުތަކުގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާމެދު ނުފޫޒު ނުފޯރުވުން ކަމަށެވެ.