ކޮންމެ ހާލެއްގައިވެސް ވެރިންނަށް ކިޔަމަންވާންޖެހޭ ކަމާ ގުޅޭ ގޮތުން ހުކުރު ހުތުބާގައި ގެނެސްދީފައިވަނީ ހަދީސްގެ އެއްބައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.
"(މިއަދު ހުތުބާގައި އައިސްފައިވާ ހަދީސްގެ މާނަ) ރުހުމުގައިގައި ވެސް އަދި ނުރުހުމުގައިވެސް ވެރިމީހާގެ ފަރާތުން ތިޔަ ބައިމީހުންނަށް އަނިޔާއެއް ކުރިމަތިވި ނަމަވެސް ވެރިމީހާއަށް ކިޔަމަންވާށޭ" މިހެން ހުތުބާގައި ބުނެފައިވާ ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.
އެއީ ސައްހަ ހަދީސްއެއްކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ މިއަދުގެ ޚުތުބާގައި ގެނެސްފައިވަނީ ހަދީސްގެ އެއްބައިކަމަށެވެ. އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.
ހުކުރު ހުތުބާގައި ގެނެސްފައިވާ ހަދީސް ފުރިހަމަ ވާނެ ގޮތް ޑރ. މަޖީދު ވިދާޅުވި އެވެ.
"އަދި ތިޔަބައިމީހުންގެ ތެރޭގައި ހިމެނޭ އެންމެ ނުބައި ވެރިންނަކީ ތިޔަބައިމީހުން އެބަޔަކު ދެކެ އެންމެ ރުޅި އަންނަ ވެރިންނެވެ. އަދި ތިޔަބައިމީހުން ދެކެ އެބައިމީހުންވެސް ރުޅިއަންނަ ވެރިންނެވެ. އަދި ތިޔަބައިމީހުން އެބަޔަކަށް ލައުނަތްދޭ ވެރިންނެވެ. އަދި އެބަޔަކު ތިޔަބައިމީހުންނަށް ލައުނަތްދޭ ވެރިންނެވެ." ހަދީސް ފުރިހަމަ ވާނީ މިބައި ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް އެއް މައުޟޫއަކާއި ގުޅިގެން ވާހަކަ ދައްކާނަމަ އެ މައުޟޫއެއް ފުރިހަމަވާން ޖެހޭނެ ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ. އެގޮތަށް ހަދީސުން ބައެއް އުނިކުރުމުގެ މިސާލެއްގެ ގޮތުން ޑރ. މަޖީދު ވިދާޅުވީ ނަމާދާ ގާތްނުވުމަށް އޮންނަ ހަދީސްގެ މިސާލެވެ. އަދި އޭގެ އަނެއް ބައިގައި މަސްތު ގެހާލަތުގައި ހުރެ ނަމާދާ ގާތް ނުވުމަށް އަންގަވާފައިވާ ކަމަށް ޑރ. މަޖީދު ފާހަގަކުރެއްވިއެވެ.