ބަންގްލަދޭޝްގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ހުޅުވި ފަންޑަށް 18.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ހާލުގައި ޖެހިފައިވާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް ފައިސާ ހޯދަން އެ މިނިސްޓްރީން ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ ބަންގްލަދޭޝްގެ ރެޑްކްރެސެންޓާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށެވެ.
މިހާރު ކުރިއަށް ދަނީ ލިބުނު ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާ އެކު ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް ލިބިފައި ވަނީ ޖުމްލަ 18.1 މިލިޔަން ރުފިޔާ ކަމަށާއި، އެފައިސާ ލަސްވެގެން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެމްބަސީގެ ވެސް އެހީތެރިކަމާ އެކު، ބަންގްލަދޭޝްގެ ރެޑް ކްރެސެންޓާ ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ރޮހިންޖާ ފަންޑަށް ފައިސާ ހޯދަން އިސްލާމިކް މިނިސްޓްރީން އިސް ނަގައިގެން ހިންގި ހަރަކާތްތަކުގައި އެކި ފަރާތްތަކުން ދޭން ވައުދުވި ހުރިހާ ފައިސާއެއްހެން މިހާރު ލިބިފައިވާ ކަމަށެވެ.
މިޔަންމާ ސިފައިންގެ އަނިޔާވެރިކަމަށް ފިލައިގެން މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝްއަށް މިހާތަނަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ އަދަދު 582،000 އަށް އަރާފައިވާ ކަމަށް އދ. އިން ދާދިފަހުން ވަނީ ބުނެފައެވެ.