އއ. އުކުޅަހު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުކުޅަހު އިންޖީނުގޭގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 10.55 ހާއިރު ކަމަށާއި، އެ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން އިންޖީނު ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކޮށްފަ ކަމަށެވެ.
އއ. އުކުޅަސް ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިންޖީނުގޭގައި ތެޔޮ ރައްކާކުރާ ގުދަނުގައި ކަމަށާއި، އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 11.30 ހާއިރު ވަރަށް އުނދަގުލުން ކަމަށެވެ.
ފިރާގު އިތުރަށް ވިދާޅުވީ އިންޖީނުގޭގެ ތެޔޮ ރައްކާކުރާ ގުދަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި އިންޖީނުގޭގައި ހުރި އިންޖީނުތަކަށް ލިބުނު ގެއްލުން އަދި ދަންނަވަން ދަތިކަމަށެވެ.
އުކުޅަހު އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގުމުގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑިފާ ކަމަށް ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ.