ނ. މާފަރު އެއަރޕޯޓް ބިޑަށް ހުޅުވާލާފައިވަނީ އޮޅުމަކުން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބަންޑާރަ ނައިބުގެ އޮފީހުން ވަޑައިގެންނެވި ވަކީލު ވިދާޅުވި ކަމަށް ގާނޫނީ ވަކީލު ހަނީފާ ހާލިދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަނީފާ ވިދާޅުވީ ގެޒެޓްގައި ނ. މާފަރު އެއަރޕޯޓް ބިޑަށް ހުޅުވާލިކަންވެސް ދައުލަތުގެ ވަކީލަށް އެނގިފައިވަޑައިނުގަތް ކަމަށެވެ. އަދި އެ އިއުލާނުގެ ކޮޕީއެއް ޝަރީއަތަށް ހުށަހެޅުމުން އިތުރަށް މައުލޫމާތު ސާފުކުރެއްވުމަށް ފަހު ބިޑަށް ހުޅުވާލާފައިވަނީ އޮޅުމަކުން ކަމަށް ވަކީލް ވިދާޅުވި ކަމަށް ހަނީފާ ވިދާޅުވިއެވެ.
ނ. މާފަރު އެއަރޕޯޓްގެ އެއްބަސްވުން ބާތިލްވެގެންދާނެ ކަމަށް ބުނެ ސަރުކާރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޝާމިލްވާ ކަމަށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒްކުރަމުންދާ ހާމިދު އިސްމާއިލަށް ފޮނުވި ސިޓީގައި އެ އެއްބަސްވުމުން ބާތިލް ވި ސަބަބު ބަޔާންކޮށްފައި ނުވާކަމަށް ހަނީފާ ވިދާޅުވިއެވެ. އަދި ބައެއް ކުންފުނިތަކުގައި ހާމިދުގެ ހިއްސާ އޮންނާތީވެ ސަރުކާރުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރަން ދަތިތަކާއި ކުރިމަތިވާ ކަމަށް ހަނީފާ ވިދާޅުވިއެވެ.
މި މައްސަލާގައި އެކި މުއައްސަސާތަކާއި ބައްދަލުކުރަން ސިޓީ ފޮނުވުމުންވެސް އެ ސިޓީތަކަށް ޖަވާބު ލިބިފައިނުވާ ކަމަށް ހަނީފާ ވިދާޅުވިއެވެ. އަދި އެ ބިންތަކާއި ރަށްތައް ހާމިދަށް ލިބިފައިވަނީ ސައްހަ އެއްބަސްވުމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
" ހާމިދު އިސްމާއިލް ނުވަތަ އޭނާ ހިއްސާވާ ކުންފުނިތަކާއިއެކު ވެފައިވާ އެއްބަސްވުންތަކަކީ ސައްހަ ނޫން އެއްބަސްވުމެއް ނޫން. ހަމަ އެއްބަސްވުމުގައި ބުނާ މާއްދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ކަމެއް ހިންގާފައި އިޖުރާތްތައް ފުރިހަމަވެގެން އެ ރަށެއް ނުވަތަ ފަޅެއް ލިބެންޖެހޭ ގޮތަށް ހަމަ ލިބިފައިހުރީ އަދި ސަރުކާރަށް ދައްކަންޖެހޭ ފައިސާވެސް ދައްކާ ނިމި އެގްރީމަންޓުގައި ބުނާ މިންވަރަކަށް ބުނާ ގޮތަކަށް ކަން ހިންގާފައިހުރީ" ހަނީފާ ވިދާޅުވިއެވެ.
ބިންތަކާއި ރަށްތައް އެކި ފަރާތްތަކަށް ކުއްޔަށް ދިނުމަށްފަހު އެ ބިންތަކާއި ރަށްތައް ނެގުމުގައި އެއްބަސްވުމާއި އެއްގޮތަށް އަމަލު ނުކުރާކަން ފާހަގަކުރައްވާ ހަނީފާ ވިދާޅުވީ އެކަން އެގޮތަށް ކުރާ ސަބަބު އެނގިނުލައްވާ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީއާ އެއްކޮށް އެއްބަސްވުންތައް ހެދި ސޮއިކުރެވުނު ނަމަވެސް ބިންތައް ނެގުމުގައި އާއި ބިންތައް ނުގުމަށްފަހު ބަދަލު ދިނުމުގައި އެ މިނިސްޓްރީއާ މުއާމަލާތް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ހާމިދުގެ ބިންތައް ނެގުމަށްފަހު ބަދަލު ދިނުމަށް ގޮތެއް ކަނޑައަޅާފައިނުވާއިރު އެ ބިންތައް ނަގާފައިވަނީ ރަގަޅަކަށް ނޫންކަންވެސް ހަނީފާ ފާހަގަކުރެއްވިއެވެ.
މަސައްކަތްތައް ހުއްޓިފައި އޮތް ބިންތަކާއި ފަޅުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ހަނީފާ ވިދާޅުވިއެވެ.