ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް އަޅާނެ ބިން ކައުންސިލް މެދުވެރިކޮށް ކުއްޔަށް ދިނުމުގެ އައު އުސޫލެއް ކަނޑައަޅައިފިއެވެ.
ހޯމަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާޢިޢު ކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް ތަރައްޤީކުރުމަށްޓަކައި ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން އެ ސަރަހައްދަކީ، ޓޫރިޒަމް ތަރައްޤީކުރާނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސަރަހައްދެއްގައި ވަކި ކަންތައްތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ. އެގޮތުން ރަށުގެ އާބާދީ އާއި ރަށުގެ ބޮޑުމިން ބެލުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން "ލޭންޑް ޔޫސް އެސެސްމެންޓް" ހަދާފައިވުމާއި ރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގަވާއިދު (ލޭންޑް ޔޫސް ޕްލޭނިންގ ޤަވާއިދު) އާ އެއްގޮތްވާ ގޮތުގެމަތިން އީ.ޕީ.ޒެޑް އޮތުމާއި ރަށުގެ ހޭޅިފަށާއި ފަތުރުވެރިކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިމާ ދެމެދު މަގެއް އޮތުމާއި އަދި ވަކި ބަޔަކަށް އެކަނި ގޮނޑުދޮށް ބޭނުން ކުރެވޭ ގޮތަށް ކަނޑައަޅާފައި ނެތުން ހިމެނެއެވެ.
މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކަނޑައަޅުއްވާ ބިމުގެ ބޮޑުމިން ފަސްހާސް އަކަފޫޓަށްވުރެ ބޮޑު ނުވުމާއި ޓޫރިސްޓް ހޮޓަލަށް ކަނޑައަޅުއްވާ ބިމުގެ ބޮޑުމިން ދިހަ ހާސް އަކަށްފޫޓަށް ވުރެ ބޮޑު ނުވުން ހިމެނެއެވެ.
މި އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ކަނޑައަޅާފައިވާއިރު ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް ތަރައްޤީކުރުމަށް ބިން ކުއްޔަށްދިނުމާ ގުޅޭ ކަންތައްތައް ކުރިއަށް ގެންދަން ވާނީ އެ ރަށެއްގެ ކައުންސިލާއި މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމުން 17 އޮކްޓޯބަރ 2016 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ "މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމާއިބެހޭ އުސޫލު" އުވިގެންދާނެއެވެ.